އާއިލާ ރޭވުމުގެ ގޮތުން ދޭތެރެ ދުތުރުކުރުމުގެ އާލާތެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ބޭސްގުޅަތަކުގެ ލިސްޓަށް، ފިރިހެނުންނަށް ހާއްސަ ބޭހެއް އިތުރު ކުރުމާ ގާތަށް ސައިންސްވެރިން ޖެހިލައިފިއެވެ.

ދޭތެރެ ދުރުކުމަށް ދޭ ކޮންޓްރަސެޕްޓިވް ޕިލްސްއަކީ އަންހެނުންނަށް ހާއްސަކޮށްގެން މިހާތަނަށް އުފައްދަމުން އައި ބޭހެކެވެ. އަންހެނުންނަށް ހާއްސަކޮށްގެން މިފަދަ ބޭސްތައް އުފައްދަމުން އަންނަތާ ބައިގުރަނަށްވުރެ ގިނަ ދުވަސްވީ ފަހުން، ފިރިހެނުންނަށް ހާއްސަކޮށްގެން މިފަދަ ބޭހެއް އުފައްދާ، އިންސާނުންގެ ހަށިގަނޑުގައި ޓެސްޓުކޮށް، މިހާރު ވަނީ ކާމިޔާބުވެސްވެފައެވެ.

މި ބޭހަކީ ޕްރޯޖެސްޓީންއާއި ޓެސްޓޯސްޓަރޯން މޮލެކިއުލްތަކުގެ ހައިބްރިޑެއް ކަމަށާ، މި ބޭހުގެ ސަބަބުން ފިރިހެން މީހާގެ ހަށިގަނޑުގައި ވަކި މިންގަނޑެއްގައި ހޯމޯންތައް ހިފަހައްޓާދޭނެ ކަމަށްވެއެވެ.

މި ބޭސް އުފައްދާ، ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރިއަށް ދަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންގްޓަން ސްކޫލް އޮފް މެޑިސިންގައެވެ.

28 ދުވަހުގެ ތަހުލީލު މަރުހަލާ ނިމުނުއިރު އެއްވެސް މީހެއްގެ ހަށިގަނޑުން، ނޭދެވޭ އެއްވެސް ސައިޑްއިފެކްޓެއް ފެނިފައިނުވާކަމަށް ވެއެވެ. މިހާތަނަށް ޓެސްޓު ކޮށްފައިވަނީ ބޭހުގެ ސަބަބުން ނޭދެވޭ އަސަރެއް ފާހަގަވޭތޯ ކަމަށްވާއިރު، ފިރިހެނުންގެ ދަރިފަނީގެ މިންވަރު މަދުވާ ވަރާއި ނުވާވަރު ވަޒަންކުރެވޭނީ ބޭސް ބޭނުންކުރާތާ 60 ދުވަހާ 90 ދުވަހުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

ފިރިހެނުންނަކީ މިޒާޖު ހުންނަ ގޮތުން މިފަދަ ބޭސް ގުޅައެއް ދުވާލަކު އެއްފަހަރު ކާން ބޮޑުވާނެ ބައެއް ކަމުގައި ބައެއް މީހުން ބުނާއިރު، ސައިންސްވެރިންގެ މިހާރުގެ އަމާޒަކީ އިންޖެކްޝަނަކަށް މި ބޭސް ބަދަލުކުރުމެވެ.

މި ދިރާސާ އާންމުކޮށްފައިވަނީ ދަ ޖާނަލް އޮފް ކްލިނިކަލް އެންޑޯކްރިނޮލޮޖީ އެންޑް މެޓަބޮލިޒަމްގައެވެ.