މެލޭޝިއާގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތެއްގެ ފޮޓޯގަނޑެއް، ސޯޝަލް މީޑިއާގެ ލޯބި ހޯދައިފިއެވެ.

މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ވައިރަލްވެފައިވާ މި ފޮޓޯއިން ފެނިގެންދަނީ، އާދަޔާ ހިލާފު ރީތި ކަޅިއެއް ލިބިފައިވާ ޒުވާން ފިރިހެނަކު، މޮޑެލްއަކު ކެމެރާއަށް ބަލާހެން ބަލަހައްޓައިގެން ހުންނަ މަންޒަރެވެ. އޭނާ ހުންނަނީ، އޭނާ މަސައްކަތްކުރަމުންދިޔަ ކޮންސްޓްރަކްޝަން ސައިޓުގައި، މަސައްކަތު މީހުން އަޅާ ކަހަލަ ހެދުމެއްވެސް އަޅައިގެންނެވެ.

މާއަބެޑެންމަންގް ނަމުގައި ހަރަކާތްތެރިވާ ޓުވިޓާ ހޭންޑްލްއަކުން މިމަހުގެ 21 ވަނަ ދުވަހު މި ފޮޓޯ ޕޯސްޓުކުރި ފަހުން 24000 އަށްވުރެ ގިނަ ފަހަރު މި ފޮޓޯ ރީޓްވީޓްކޮށްފައިވެއެވެ. އަދި 68000 އަށްވުރެ ގިނަ ހޭންޑްލްއިން މި ފޮޓޯއަށް ލައިކް ދީފައިވެއެވެ.

ސްމާޓްފޯނަކުން މި ފޮޓޯ ނެގި މީހާ ބުނީ ފޮޓޯއިން ފެންނަ ޒުވާނާއަކީ ލަދުރަކި ޒުވާނެއް ކަމަށާ، ފޮޓޯއެއް ނަގަން ބުނުމުން ބަލަންވީ ދިމާވެސް އޭނާއަށް ފުރަތަމަ ނޭނގުނު ކަމަށެވެ. އަދި ފޯނުގައި އިން ކެމެރާއަށް އެތައް ފަހަރަކު އިޝާރާތް ކުރި ކަމަށާ، ކުރިން ނެގި ކިތަންމެ ފޮޓޯއެއް ކަމުނުގޮސްގެން ތަކުރާރުކޮށް ފޮޓޯނަގާފައިވާނެ ކަމަށެވެ. ވައިރަލް ވެގެން އުޅޭ ފޮޓޯއަކީ ފޯނުގެ ކެމެރާއަށް އެ ޒުވާނާއަށް ބަލާލެވުނު ވަގުތު ނެގި ފޮޓޯއެއް ކަމަށްވެއެވެ.

ބަންގްލަދޭޝްގެ މި ޒުވާނާގެ ފޮޓޯ ސޯޝަލް މީޑިއާގައި ވައިރަލްވެގެން އުޅެނީ، 1984 ވަނަ އަހަރު ނޭޝަނަލް ޖިއޮގްރަފިކް އިން ނެގި އަފްޣާނިސްތާނުގެ ޝަރުބަތު ގޫލާގެ ފޮޓޯއާއި ވައްތަރުވެގެން ކަމަށް ބުނެވެއެވެ. އެ ފޮޓޯ ނަގާފައިވަނީ ނޫސްވެރިޔާ ސްޓީވް މެކްކަރީއެވެ.