ވިހެއުމާ ގުޅިގެން ބައެއް އަންހެނުންނަށް ކުރިމަތިލާންޖެހޭ މާޔޫސްކަން ނުވަތަ ޕޯސްޓް-ޕާޓަމް ޑިޕްރެޝަންއަށް ފަރުވާ ކުރުމަށް ހާއްސަ ބޭހެއް ބޭނުން ކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ފުރަތަމަ ފަހަރަށް ދީފިއެވެ.

ބްރެކްޒަނަލޯންގެ ނަން ދީފައިވާ މި ބޭހަކީ މީގެ ފަހުން ޕޯސްޓް-ޕާޓަމް ޑިޕްރެޝަންގެ ތަކުލީފު އުފުއްލަމުންދާ މައިންނަށް ހާއްސަކޮށްގެން، ކަމާ ބެހޭ ސިއްހީ މާހިރެއްގެ އިރުޝާދުގެ ދަށުން ދޫކުރާނެ ބޭހެއްކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ ކަނޑައަޅާފައެވެ.

ނަފްސާނީ ބަލިތަކުގެ ތެރެއިން ވަކިން ޑިޕްރެޝަންއަށް ހާއްސާކޮށްގެން ފާއިތުވީ 35 އަހަރު ދުވަހުގެ ތެރޭގައި އާ ބޭސް ގުޅައެއް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ނޭފަތަށް ޖަހާ ސްޕްރޭއާއި އިންޖެކްޝަންގެ އާ ފަރުވާތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ސޭޖް ތެރަޕިއުޓިކްސްއިން އަލަށް ތައާރަފުކުރި ބޭސް ބޭނުންކުރުމުގެ ހުއްދަ އެފް.ޑީ.އޭއިން ދީފައިވާއިރު، މިއީ އަގުބޮޑު ފަރުވާއެކެވެ. މި ބޭސްގުޅަ ކާންޖެހޭ މުއްދަތަށް ގާތްގަނޑަކަށް 34000 އެމެރިކާ ޑޮލަރު ހަރަދު ވާނެ ކަމަށް ބެލެވެއެވެ. ބަލިމީހާގެ ހަށިގަނޑަށް މި ބޭސްފޮނުވާލަނީ އައިވީ އިންޖެކްޝަންގެ ޒަރިއްޔާއިންނެވެ.

ވިހެއުމާ ގުޅިގެން ކުރިމަތިލާންޖެހޭ ޑިޕްރެޝަންއަކީ ދިވެހި މުޖުތައުމު ތެރޭގައިވެސް އާންމުވަމުން އަންނަ ކަމަކެވެ. ނަމަވެސް ހޭލުންތެރިކަން ކުޑަވުމާ، ފަރުވާ ލިބިގަތުމުގައި ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން މިކަމަށް އެކަށީގެންވާ ގޮތެއްގައި އޮންނަނީ އަޅާނުލެވިފައެވެ. އާސަންދައިގެ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދަން ބޭނުން ނަމަ ތިން ހަތަރު މަސްދުވަސް ވަންދެން ވެއިޓިންގް ލިސްޓުގައި މަޑުކުރަން ޖެހެއެވެ. އެނޫން ގޮތަކަށް ޕްރައިވެޓް ޕްރެކްޓިސް މެދުވެރިކޮށް ފަރުވާ ހޯދާނަމަ އެތައް ސަތޭކަ ރުފިޔާއެއް ހަފުތާއެއްގެ މައްޗަށް ހަރަދުކުރަންޖެހެއެވެ. ކަންމިހެން އޮތް ނަމަވެސް، ނަފުސާނީ ބަލީގެ މީހުންނަށް އެކަށީގެންވާ ނިޒާމެއްގެ ތެރެއިން ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާދެއްވާނެކަމަށް އަދުގެ ސަރުކާރުން ވަނީ ބުނެފައެވެ.