ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތުގެ ރެކޯޑް ހޯދާފައިވާ ދުބާއީގެ ބުރުޖު ޚަލީފާ، ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާންގެ ތަސްވީރަކުން ދިއްލާލައިފިއެވެ.

ޖެސީންޑާގެ ތަސްވީރެއް އިމާރާތަށް ޕްރޮޖެޓްކޮށްގެން ދިއްލާފައި މިވަނީ، މާޗްމަހުގެ 15 ވަނަ ދުވަހު، ނިއުޒީލަންޑްގެ ކްރައިސްޓްޗާޗުގެ 2 މިސްކިތަކަށް ޓެރަރިސްޓް ހަމަލާތަކެއް ދީ 50 މީހުންގެ ފުރާނަ ގެއްލިދިޔަ ހާދިސާއާއި ގުޅިގެން އިސްލާމުންގެ ދިފާއުގައި އެކަމަނާ އަޅުއްވަމުންދިޔަ ފިޔަވަޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އަސްކަރީ ފެންވަރުގެ ހަތިޔާރު އަޅައިގެން ހުރި އޮސްޓްރޭލިއާގެ ރައްޔިތަކު ދިން ހަމަލާތަކާއި ގުޅިގެން މުސްލިމުންނަށް ޖެސީންޑާ ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ، ދުބާއީގެ ވެރިޔާ ޝައިހު މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމުވަނީ އެކަމަނާއަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި 1.5 ބިލިއަން މުސްލިމުންގެ އިހުތިރާމު ޖެސީންޑާ ހޯއްދަވައިފި ކަމަށް ދުބާއީގެ ވެރިޔާ ކުރެއްވި ޓުވީޓެއްގައިވަނީ ފާހަގަކުރައްވާފައެވެ.

ހަމަލާއަށްފަހު ކުޑަ ވަގުކޮޅެއްގެ ތެރޭގައި އާއިލާތަކާއި ބައްދަލުކުރެއްވުމުގެ އިތުރުން ނިއުޒީލަންޑްގައި ހަތިޔާރު ގެންގުޅުމަށް ހުއްދަދޭ ގާނޫނަށްތަކަށް ގެންނެވި އިސްލާހުތަކާއިއެކު ގިނަ ބަޔަކު ދަނީ ނިއުޒީލަންޑްގެ ބޮޑުވަޒީރަށް ތައުރީފުކުރަމުންނެވެ.