ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗް.ޕީ.ވީ) ވެކްސިންއާއި އެއްކޮޅަށް އެންމެ ފުޅާދާއިރާއެއްގައި ކެމްޕޭން ކުރަމުންދިޔަ އަޔަލަންޑްގެ ލޯރާ ބްރެނަން، ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އެޗް.ޕީ.ވީ ވެކްސިންއަކީ ހިއުމަން ޕެޕިލޯމާވައިރަހުގެ ޒަރިއްޔާއިން ނުވަތަ ޖިންސީ ގުޅުމުގެ ޒަރިއްޔާ ފަތުރާ ބައެއް ކަހަލަ އިންފެކްޝަންތަކާއި ބަލިތަކުން ދިފާއުކޮށްދިނުމުގެ އިތުރުން ސާވިކަލް ކެންސާ ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރާ ދުރުކުރުމަށްވެސް އެހީވެދޭ ވެކްސިންއެކެވެ.

ސާވިކަލް ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ، އުމުރުން އެންމެ 26 އަހަރުގެ ލޯރާ މަރުވީ ޔުނިވާސިޓީ ހޮސްޕިޓަލް ލިމެރިކްގައި ކަމަށް އަޔަލަންޑްގެ ހެލްތް ސާވިސް އެގްޒެކެޓިވްއިން މައުލޫމާތު ދެއެވެ.

ލޯރާ ކުރަމުންދިޔަ ވަރުގަދަ ކެމްޕެއިންގެ ނަތީޖާއެއްގެ ގޮތުން، އެޗް.ޕީ.ވީ ވެކްސިން ޖަހާ މީހުންގެ އަދަދު ގާތްގަނޑަކަށް %20 އިތުރުވެފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ގިނަ އަންހެނުންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެޗް.ޕީ.ވީގެ އިންފެކްޝަނާ ކުރިމަތިލާންޖެހޭ ބައެއް ނަމަވެސް، މާ ބޮޑު އަސަރުތަކެއް އެކަމުގެ ސަބަބުން ނުކޮށްދިއުމުގެ ފުރުސަތު އޮވެއެވެ. ގިނަ ފަހަރަށް އެއްވެސް އަލާމާތެއް ބޭރަށް ފެންނަން ނެތި، އޭގެ ޒާތުގައި ވައިރަސް އަމިއްލައަށް ސާފުވާ ފަހަރު ގިނައެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ވައިރަހުގެ ބާރުގަދަވެ، ރަހިމުގެ ބަލިތައް ޖައްސައެވެ.

ބައެއްކަހަލަ އެޗް.ޕީ.ވީ ވައިރަހަކީ އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ވައިރަސްތަކެކެވެ. މިޒާތުގެ ވައިރަހުގެ އަސަރު ގަދަވެއްޖެނަމަ ކެންސަރަށް މަގުފަހިކުރުވައެވެ. ރިސްކު ކުޑަ އެޗް.ޕީ.ވީގެ ސަބަބުންވެސް ޖިންސީ ގުނަވަނަށް އަސަރުތަކެއް ކުރުވައެވެ. އެގޮތުން ޖިންސީ ގުނަވަނުގައި އުން/މުލިހި ޖެހުން ކަހަލަ ކަންކަން މެދުވެރިވެއެވެ.

ރަހިމުގެ ދޮރަށް ކެންސަރު ޖެހޭ މީހުންގެ %99.7 މީހުންނަށް ކެންސަރު ޖެހިފައިވަނީ އެޗް.ޕީ.ވީ ވައިރަހުގެ ސަބަބުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗް.ޕީ.ވީ ވެކްސިނަކީ ރަހިމުގެ ދޮރަށް ކެންސަރު ޖައްސާ 4 ބާވަތެއްގެ އެޗް.ޕީ.ވީ ވައިރަހުން ދިފާއުކޮށްދިނުމުގެ އިތުރުން ޖިންސީ ގުނަވަނުގައި އުމާއި މުލިޖެހުމުން ދުރުކޮށްދިނުމަށް އެހީވެދޭ ވެކްސިނެކެވެ.

ދިވެހިރާއްޖޭގައިވެސް މިހާރު ވަނީ އެޗް.ޕީ.ވީ ވެކްސިން ދޭން ފަށާފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)އިން މައުލާމާތު ދޭ ގޮތުގައި، ރާއްޖޭގައި މިވަގުތު އެޗް.ޕީ.އޭ ވެކްސިން ދެނީ އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ. ނަމަވެސް، ގައުމީ ވެކްސިން ތާވަލުގައި މި ވެކްސިން ހިމެނިގެންދާނެ ކަމަށްވެސް އެޗް.ޕީ.އޭއިން ބުނެއެވެ.

އުމުރުން 9 އަހަރާއި 13 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެޗް.ޕީ.ވީ ވައިރަސް ތައާރަފުކުރުމަކީ، ރާއީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ އެޖެންޑާގައި ހިމަނުއްވާފައިވާ ކަމެކެވެ.