2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޮލިމްޕިކްސްއާއި ޕެރަލިމްޕިކްސް ގޭމްތަކުގައި އެހީތެރިންގެ ގޮތުގައި ރޮބޮޓުން ބޭނުންކުރަން ނިންމައިފިއެވެ.

ކުޅިވަރު މުބާރާތްތައް އޮމާންކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ އިވެންޓަކަށްވެސް ގިނަ އަދަދެއްގެ ވޮލަންޓިއަރުން ހޯދާއިރު، "ޓޯކިއޯ 2020"ގައި އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާނީ ރޮބޮޓުންނެވެ.

މި ރޮބޮޓުން ހަރަކާތްތެރިވާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކާބޯތަކެތި އުފުލާ ދިނުމުގެ އިތުރުން އިވެންޓަށް އަންނަ ފަރާތްތަކަށް އެ ހަރަކާތްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

މީގެ އިތުރުން ސެމީ އޮޓޮމެޓިކް ސޫޓުތަކެއްވެސް މި އިވެންޓުގައި ބޭނުންކުރާނެކަމަށާ، މި ސޫޓުތައް ބޭނުންކުރާނީ ބަރު ސާމާނާ ކުނި ޑަސްޓްބިން އުފުލުމަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ސޫޓުތައް ލައިގެން ތިބޭނީ އިންސާނުންނެވެ.

ޓިކިއޯ 2020 ރޮބޮޓް ޕްރޮޖެކްޓުން ބުނީ މި ޕްރޮގްރާމްގެ މަގުސަދަކީ ރޮބޮޓުތައް ދައްކާލުން ނޫންކަމަށާ، ނަމަވެސް އިންސާނުންނަށް އެހީވެދޭ އީޖާދެއްކަން ސާބިތުކޮށްދިނުން ކަމަށެވެ.

މީގެ ކުރިންވެސް ކުޅިވަރު މުބާރާތްތަކުގައި ރޮބޮޓް ބޭނުންކޮށްފައި ވީ ނަމަވެސް އެފަހަރު ރޮބޮޓް ޓެކްނޮލޮޖީ ބޭނުންކޮށްފައިވަނީ ކެމެރާ ކުރުން ފަދަ ކަންކަމަށެވެ.