ދެކުނު ކޮރެޔާގެ ހޮޓަލަށް އަންނަ ގެސްޓުންގެ ޒާތީ މަންޒަރުތަކެއް ވީޑިއޯކޮށް ވެބްސައިޓެއް މެދުވެރިކޮށް އެ މަންޒަރުތައް ވިއްކަމުންދާކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ސްޕައި ކެމެރާ ހަރުކޮށްގެން މަންޒަރުތައް ނަގާފައިވާއިރު، ޕޯންވީޑިއޯގެ ގޮތުގައި ވިއްކަމުންދިޔަ ވީޑިއޯތަކުގެ ޝިކާރައަކަށް 1600އެއްހާ ގެސްޓުންވިކަމަށް މައުލޫމާތު ލިބެއެވެ.

މި ކެމެރާތައް ހަރުކޮށްފައި ހުރީ ހޮޓަލުގެ ގެސްޓު ރޫމުތަކުގައި ބޭނުންކުރަން ހެއާޑްރެޔަރު އަޅުވާ ބުޅިގަނޑާއި، ޓީވީތަކުގެ އިތުރުން ކަރަންޓް ސޮކެޓްތަކުގައެވެ. މި މަންޒަރުތައް "އޮރިއާންކާޑު"ގެ ގޮތުގައި ވިއްކައިގެން 6200 ޑޮލަރު ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހައްޔަރުކޮށްފައިވާ 4 މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ކޮންމެ މީހެއްގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ކޮންމެ މީހަކުވެސް 26571 ޑޮލަރުން ޖޫރިމަނާވެސް ކުރެވޭނެއެވެ.

މީހުންނަށް ސިއްރުން މިފަދަ މަންޒަރުތައް ނަގައިގެން ޕޯންސައިޓްތަކުގައި ވިއްކާ މައްސަލަ މިފަހަކަށް އައިސް ދެކުނު ކޮރެޔާގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން ފާހާނާތަކާއި ޗޭންޖިންގް ރޫމްތަކުގައި ވަގަށް ކެމެރާ ހަރުކޮށްގެން ނަގާފައިވާ މަންޒަރުތަކާއި ކުރީގެ ލޯބިވެރިޔާގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ފަތުރާ ވީޑިއޯތަކުގެ މައްސަލަވެސް ދެކުނު ކޮރެޔާގައި ވަނީ ބޮޑުވެފައެވެ. މިކަމުގައި އެންމެ އިސް އެހީތެރިޔަކީ އެގައުމުގައި އާދަޔާ ހިލާފަށް ހަލުވި ދުވެއްޔެއްގައި ލިބެމުންދާ އިންޓެނެޓް ސްޕީޑްކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.