އަދުގެ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ، ދުނިޔޭގެ އެންމެ ބޮޑު ކުޑަތައް، މަސްޖިދުލް ޙަރަމްގެ ގޯތިތެރޭގައި ނެގުމަށް ހަމަޖައްސައިފިއެވެ.

އަރަބި މީޑިއާގައި ދައުރުވާ ބައެއް ޚަބަރުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ކުޑަ ހުންނާނީ މާތްވެގެންވާ ކައުބަތުﷲ ގެފުޅާ ދިމާ މަތީގައެވެ.

މަސްޖިދުލް ޙަރަމްގައި ޖަހާ ކުޑަތަކުގެ ތެރެއިން ކޮންމެ ކުޑައެއްގެ އުސް މިނުގައި 45 މީޓަރު ހުންނައިރު ބަރުދަނުގައި 16 ޓަނު ހުންނާނެ ކަމަށް ބެލެވެއެވެ. އަދި 2400 އަކަފޫޓަށް ހިޔާލިބިގެންދާނެއެވެ. މި ބާވަތުގެ 8 ކުޑަ ޖެހުމަށް ނިންމާފައިވާއިރު، ޖުމުލަ 19200 އަކަފޫޓެއްގެ ސަރަހައްދެއް ހިޔާވާނެއެވެ.

މިއިން ކޮންމެ ކުޑައެއްގެ ތަނބުގައި ބޮޑު ގަޑިއެއްގެ އިތުރުން، މަސްޖިދުލް ޙަރަމްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އިރުޝާދުތައް ފެންނާނެ ހެން ސްކްރީނެއް ހަރުކުރެވިފައި ހުންނާނެއެވެ. މީގެ އިތުރުން މި ސަރަހައްދުގައި އެއާކޮންޑިޝަން ނިޒާމް ހަރުކުރެވި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ސެކިއުރިޓީ ކެމެރާ ހަރުކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މަސްޖިދުލް ޙަރަމްގައި ޖަހާ ދުނިޔޭގެ އެންމެ ބޮޑު ކުޑަތަކަކީ މަސްޖިދުލް ނަބަވީގައި ހުންނަ ކުޑަތަކާއި އެއްގޮތް ކުޑަތަކެކެވެ.

މި ކުޑަތައް ޖެހުމުގެ މަސައްކަތް މިއަހަރު ތެރޭގައި ވަނީ ފަށާފައެވެ.