"ހާދަ ފަލައޭ" މިއީ މިފަހަކަށް އައިސް އެކަކު އަނެކަކާއި ބައްދަލުވާ ވަގުތުކުރެވޭ "ސަލާމަކަށް" އޮންނަނީ ވެފައެވެ. ޖިމްއަކަށް ނުދަންތޯއާއި އެހެން ހަދާށޭ، މިހެން ހަދާ އެކި ކަހަލަ އިރުޝާދުތައް ދެނީ ބަރުދަން ލުއިވާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ފާހަގަކުރަންޖެހޭ އެއްކަމަކީ، މިގޮތަށް ޒަމާންތަކަކަށް ދައުރުވެގެން އައިސްފައިވާ ބައެއް "ޓިޕް"ތަކަކީ އޭގައި ސިއްހީ އެއްވެސް ފައިދާއެއް އެކުނުލެވޭތާ، ބަރުދަންވެސް ލުއިކޮށްދޭ ޓިޕްތަކަކަށް ނުވާކަމެވެ.

ބަރުދަން ލުއިކުރާ ސަޕްލިމެންޓްސް

ފާއިތުވީ ދެތިން އަހަރަށް ބަލާއިރު، ބަރުދަން ލުއިކުރާ އެކި ކަހަލަ ސަޕްލިމެންޓްސްއާއި ބޭސްގުޅަތަކަކީ ބާޒާރުގައި ތިޔާގި އުފެއްދުންތަކަކަށް އޮތީ ވެފައެވެ. ހަށިގަނޑުގައިޖަހާފައި ހުންނަ ސަރުބީތައް ވިރުވާލަދޭ ސަޕްލިމެންޓްސްގެ ފޯރި ވަކިން ގަދައެވެ. ނަމަވެސް ދީރާސާތަކުން ދައްކާ ގޮތުގައި މިއީ އަދި މިކަން އޮތް ގޮތެއް ނޫނެވެ. ބައެއް މީހުންނަށް މި ގުޅަތަކުން ފައިދާއެއް ކުރަނީ "ޕްލަސީބޯ އިފެކްޓް"ގެ ސަބަބުންނެވެ. މި ދަންނަވަނީ ސަޕްލިމެންޓްސް ބޭނުންކުރުމަށްފަހު، ބޭ އިހުތިޔާރުގައި އެމީހާގެ ކެއުމަށް ބެލޭ ގޮތްވުމެވެ. އާހިރު ނަތީޖާއަކީ ބަރުދަން ލުއިވުންކަމަށްވާއިރު، މިއީ ފަހަރެއްގައިވެސް އެ ސަޕްލިމެންޓްތަކުގެ ސަބަބުން ވީ ގޮތެއް ކަމަށް ސާބިތުކުރެވޭކަށް ނެތެވެ. އެހެންކަމުން ބަރުދަން ލުއިކުރަންށޭ ކިއާފައި، ހަމައެކަނި ސަޕްލިމެންޓްސްއަށް ބަރޯސާވެވޭކަށްނެތެވެ.

މަދުން ކެއުމާ ގިނައިން ހަރަކާތްކުރުން

ހަށިގަނޑުން ބަރުދަން ލުއިކުރުމުގެ "އަވާ"ގައި ޖެހިފައި ތިބި ގިނަ މީހުންނަށް ކުރެވިފައި އޮންނަ އެންމެ ބޮޑު ކުށް ހީއަކީ ކެއުމަށްވުރެ ކަސްރަތުކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށް ހީކުރެވުމެވެ. ކަސްރަތު ކުރުމަކީ ހަށިގަނޑުން ކެލަރީޒް އަންދާލަދޭ ކަމެކެވެ. ނަމަވެސް މަދުން ކައިގެން ގިނައިން ހަރަކާތްކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނެތެވެ. މިގޮތަށް އަމަލު ކުރުމުގެ ނަތީޖާއަކަށްވަނީ އާދަޔާ ހިލާފަށް ފަލަވެގެންދިއުމެވެ. މީގައި މުހިންމީ އެމީހެއްގެ ހަށިގަނޑާއި އެކަށޭނަ ގޮތަށް ދެބައި ބަހާލައިގެން، ކަމާއި ބެހޭ ތަޖުރިބާކާރެއްގެ އިރުޝާދުގެ ދަށުން ކެއުމާއި ކަސްރަތު ކުރިއަށް ގެންދިއުމެވެ.

ބަރުވަނީ ފެޓްގެ ސަބަބުން

ޒަމާނީ "ސަޅި" ބައްޓަމަކަށް ހަށިގަނޑުގެ ފައްތަން ބޭނުން ނަމަ އެއާއި އެންމެ ދުރުވާންޖެހޭ އެއްޗެއް ކަމަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ފެޓްސްގެ މާއްދާތަކެވެ. ނަމަވެސް ފެޓްސްއަކީ ހަތުރެއް ކަމުގައި ދެކެވޭކަށް ނެތެވެ. ޕްރޮޓީންސްއާއި ކާބޯހައިޑްރޭޓްސް ފަދައިން ފެޓްސްއަކީވެސް ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ. ހަށިގަނޑުގެ ބަރުދަން އިތުރުކުރަނީ ހަށިގަނޑަށް އިތުރުވާ ފެޓްސްއަކުން ނޫނެވެ. ނަމަވެސް ހަށިގަނޑަށް އިތުރުވާ ކެލަރީޒްގެ އަދަދުންނެވެ. ދުވާލެއްގެ މައްޗަށް ތިބާ ކުރާ ހަރަކާތްތަކަށް ބޭނުންވާ ކެލަރީޒްއަށްވުރެ ގިނައިން ކެލަރީޒް ބޭނުން ކުރާނަމަ ފެޓްސް ނުކައި ހުއްޓަސް ފަލަވާނެއެވެ.

ބަރުދަން ލުއިކުރަން ބޭނުންނަމަ ސައިބޯށޭ!

ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާ ގަވައިދުން ނުނަގާ މީހުންނަކީ ގަވައިދުން ނާސްތާ ނަގާ މީހުންނަށް ވުރެ ފަލަވާ މީހުންނެވެ. ހަމަ މިފަދައިން ހެނދުނުގެ ނާސްތާއަކީ މެޓަބޮލިޒަމް އިތުރުކުރުވާ ކަމެއް ކަމަށާއި، ކުދިކުދި ބައިވަރު ކެއުން ކެއުމަކީ ގިނަ ކެލަރީޒް އަންދާ ކަމެއްކަމަށް ހީކުރެވެނީވެސް ކުށަކުންނެވެ.

ޑައެޓް މީލް

ޑައެޓް މީލްއެއް ނެގުމަކީ މިހާރު ޒަމާނީ ފެޝަނެކެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ޑައެޓް މީލްއަކީ ހީކުރެވިފައި އޮންނަހާ ފައިދާހުރި ކެއުމެއް ނޫނީ ބުއިމެއް ނޫންކަމެވެ. ގިނަ ފަހަރަށް މިކަހަލަ ކާބޯތަކެއްޗަކީ އާދަޔާ ހިލާފަށް ޕްރޮސެސްކޮށް އޭގެ ތާޒާކަމާއި މުހިންމު މާއްދާތައް ގެއްލި، މަސްނޫނީ މާއްދަތައް މަސްހުނިކުރެވިފައިވާ ތަކެތިކަމުގައި އޮންނަނީ ވެފައެވެ.

ހަނދާނުގައި ބަހައްޓަންވީ ކަމަކީ ފަލަ ކޮންމެ މީހަކީ ދުޅަހެޔޮ ނޫން މީހެއް ނޫންކަމެވެ. އަދި ހިކި ކޮންމެ މީހަކީ ސިއްހަތު ރަނގަޅު މީހެއް ނޫންކަމެވެ. ފަލަ މީހުންގެ ތެރޭގައިވެސް ދުޅަހެޔޮ ސިއްހަތެއްގެ ވެރިން ތިބެއެވެ. އަދި ހިކި މީހުންގެ ތެރޭގައިވެސް ދުޅަހެޔޮ ނޫން މީހުން ތިބެއެވެ.