ނިއުޒީލަންޑްގެ ކްރަސްޓްޗާޗުގެ 2 މިސްކިތަކަށް އަމާޒުކޮށް އޮސްޓްރޭލިއާގެ ޓެރަރިސްޓަކު ދިން ބަޑީގެ ހަމަލާތަކުގައި 50 މީހުންގެ ފުރާނަ ގެއްލިދިޔަ ހާދިސާއަށްފަހު ނިއުޒީލަންޑްގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާ، ކީރިތި ޤުރްއާނުގެ ބަރަކާތުން ފަށައިފިއެވެ.

ޖަލްސާ ފެށުމުގެ ގޮތުން ކީރިތި ޤުރްއާން ކިއަވާ ވިދާޅުވެދެއްވީ ނިއުޒީލަންޑްގައި ދިރިއުޅެމުއްވަމުން ގެންދަވާ މުސްލިމު އިމާމެއް ކަމަށްވާ ނިޒާމުލް ޙައްޤު ތަންވީއެވެ. ޢަރަބި ބަހުން ކިޔެވިދިޔަ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތަރުޖަމާވެސް ވަނީ ވިދާޅުވެފައެވެ. އިނގިރޭސިބަހުން ތަރުޖަމާ ވިދާޅުވެދެއްވީ އިމާމު ތޯހިރު ނަވާޒްއެވެ.

ޖަލްސާ ފެށުމުގެ ގޮތުން ކިޔަވާފައި ވަނީ ސޫރަތުލް ބަޤަރާގެ ބައެކެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަން ފައްޓަވަމުން ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސީންޑާ އެޑާންވަނީ އިސްލާމީ ރިވެތި ސަލާމް ކަމަށްވާ "އައް-ސަލާމް އަލައިކުމް"ގެ އިބާރާތް ބޭނުން ކުރައްވާ، ހުރިހާ ޖަލީސުންނާއި ސަލާމް ކުރައްވާފައެވެ. ނިއުޒީލަންޑްގައި ދިރިއުޅެމުންދާ މުސްލިމުންނަށް ކުރިމަތިވި ހިތާމާގައި ހުރިހާ އެންމެންވެސް ބައިވެރިވުމަށް ގޮވާލައްވަމުން ބޮޑުވަޒީރު ވަނީ، ހުކުރު ދުވަހުގެ ހަމަލާ ދިން ފަރާތަށް އެންމެ ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނިއުޒީލަންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޓްރެވާ މެލާޑް ވަނީ، އެބައިވަންތަކަމާއި އެއްބައެއްވަންތަކަމަށް ގޮވާލައްވާފައެވެ.