ސިނގިރޭޓު ބުއިމާއި ދުރުހެލިވާން ބޭނުންވެ، އެހެންނަމަވެސް އެކަމާ ދުރު ނުވެވި ފައި ތިބި މީހުންނަށް ހާއްސަކޮށްގެން ލުބްނާނުގެ ޒުވާން ކުންފުންޏަކުން ޒަމާނީ ލައިޓަރެއް އުފައްދައިފިއެވެ.

"ސްލައިޓާ"ގެ ނަން ދީފައިވާ މި ލައިޓަރު ފަރުމާކޮށްފައި ވަނީ، ލައިޓަރު ފަންނަ ފުރަތަމަ ހަފުތާގެ ތެރޭގައި ލައިޓަރުގެ ވެރިފަރާތުން ސިނގިރޭޓު ބޯ އާދަތައް ދަސްކުރުމަށް ފަހު އެމީހަކަށް އެކަށީގެންވާ ޕްލޭނަކާއި އެއްގޮތަށް އެ ލައިޓަރު އޭޅެ ފަދަ ގޮތަކަށެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ، މި ލައިޓަރު އެޅޭ ފަހަރާއި ނޭޅޭ ފަހަރުވެސް ދާނެއެވެ. އަދި ސިނގިރޭޓު ބޯހިމާ ލަދުގަންނަވާ، ސިނގިރޭޓެއް ރޯކޮށްލުމާ މެދު ދެވަނަ ވިސްނުމަކަށް ދާންވެސް މަޖުބޫރު ކުރުވާނެ ކަމަށް ވެއެވެ.

އެއް ސިނގިރޭޓު ރޯކުރުމަށް ފަހު ދެވަނަ ސިނގިރޭޓެއް ރޯ ނުކޮށް މަޑުކުރަންޖެހޭ ވަގުތުވެސް މި ލައިޓަރުގެ ސްކްރީނުން ފެންނަން ހުރެއެވެ.

"ސްލައިޓާ"ގައިވާ އެންމެ ހާއްސަ އެއް ފީޗާއަކީ އޭގައިވާ "ޗީޓް ބަޓަން" ކަމަށް މި ލައިޓަރު އީޖާދު ކުރި ސަމީރު އަލް ޣުރައިބު ބުނެއެވެ. މިއީ ދޭތެރެ އަކުން "ވަގު" ސިނގިރޭޓެއް ބޯލުމަށް ފުރުސަތުދޭ ފިތެކެވެ. މިފަދަ ފީޗާއަކާއި ނުލާ "ސްލައިޓާ" އުފެއްދުމަކުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށާ، އެހެނީ އާދައިގެ ލައިޓަރަށް ބަދަލުވެ، އަލުން ސިނގިރޭޓަށް ދެވިހިފާނީ ކަމަށް ސަމީރު ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް، އަދުގެ މުޖުތަމައުގައި އިންތިހާއަށް ވައިގާ ހިފާފައިވާ "ވޭޕިންގް"ގެ އާދަ، "ސްލައިޓާ"ގެ އެހީގައި ކަނޑުވާލެވޭކަށް ނެތެވެ.

މިއަހަރުގެ ފަހުކޮޅު ބާޒަރަށް ނެރޭ "ސްލައިޓާ"އަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. "ސްލައިޓާ"އެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 129 ޑޮލަރަށެވެ.