ކޮންމެ ގައުމެއް ކަމުގައިވީނަމަވެސް، އެގައުމެއްގެ އެންމެ އިސްވެރިޔާ ނުވަތަ ރައީސަކު ކުރައްވާ ދަތުރުފުޅުތަކަކީ ދުރާލާ ވަރަށް ބޮޑަށް ރޭވި، އިންތިޒާމް ކުރެވިގެން ސުންސިކުންތައް ކަންތައްތައް ހަމަޖެހިގެންދާ ދަތުރުފުޅުތަކެކެވެ. ވަކީން ހާއްސަކޮށް އިންތިހާބީ ކެމްޕޭންތަކުގެ ފޯރިގަދަވެގެން އަންނަ ދުވަސްވަރެއްގައި، އާންމުންނާއި ވީހާވެސް ގާތުން ބައްދަލުކުރެއްވުމަށްޓަކައި ގައުމުގެ އެކިކޮޅުކޮޅަށް ރައީސުންނާއި އިއްޒަތްތެރިން ދަތުރުކުރައްވާއިރު، ގިނަ ފަހަރު ތާވަލުތައް ހަމަޖެހިފައި އޮންނަ ގޮތުން ރައީސުންނަށް ޗާޓަރުތަކެއްވެސް ހަމަޖައްސަންޖެހޭ ފަހަރު އާދެއެވެ. ނަތީޖާއަކަށްވަނީ ގައުމެއްގެ ދަތުރުފަތުރުގެ ނިޒާމު އޮތް ގޮތުގެ ހަގީގީ ރަހަ، ރައީސެއްގެ އަރުތެރޭގައި ލާ ގޮތްނުވުމެވެ.

މިފަހަރު ތަފާތު ތަޖުރިބާއެކެވެ. ދެކުނު އެފްރިކާގެ ރައީސް ސިރީލް ރާމަފޯޒާ ތައްޔާރުވެވެވަޑައިގަންނަމުން ގެންދަވަނީ އިންތިހާބީ ކެމްޕޭން ރެލީތަކެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. މަބޮޕޭންއިން ފުރައިގެން ވެރިރަށް ޕްރެޓޯރިއާ ވަޑައިގަތުމަށް ރައީސް ރާމަފޯޒާ ނިންމެވީ ރޭލުމަގުންނެވެ. ކަންދިމާވި ގޮތުން، ރޭލުގެ އިންތިޒާރުގައި 1 ގަޑިއިރުވަންދެން ރޭލު ސްޓޭޝަން މަޑުކުރައްވަންޖެހިވަޑައިގަތެވެ.

60 މިނެޓުގެ ޑިލޭއަކަށްފަހު މީޑިއާ ޓީމާއެކު ވެރިރަށަށް ވަޑައިގަތުމަށް ރައީސް ރާމަފޯޒާ ދަތުރުފުޅު ފެއްޓެވީ އާންމުންވެސް ދަތުރުކުރަމުންދިޔަ ރޭލެއްގައެވެ. ދަތުރަކީ އާންމުކޮށް 45 މިނެޓެއްހާއިރުގެ ދަތުރެކެވެ. ނަމަވެސް، ނަސީބު އަނެއްކާވެސް ބުރަވީ ރައީސާއި ފަސެންޖަރުންނާއި ދުރަށެވެ. ރޭލު ހުއްޓި، ދަތުރުގެ ދިގުމިން 3 ގަޑިއިރަށް ބަދަލުވިއެވެ.

މިވަގުތުތައް ވީ، ގައުމުގެ ހަގީގީ ހާލަތު ރައީސަށް ވަރަށް ގާތުން ތަޖުރިބާކުރެއްވުނު ވަގުތުކޮޅަކަށެވެ. ހަމަ އެހެންމެ، ކެމްޕޭނަށްވެސް ލިބިވަޑައިގެންނެވި ރަނުގެ ފުރުސަތަކަށެވެ. ރާމަފޯޒާ ވަނީ، ރޭލު މަރާމާތުކުރެވެންދެން، ފަސެންޖަރުންނާއިއެކުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ދަތުރުނިންމަވާލެއްވުމަށްފަހު ރައީސްވަނީ ދެކުނު އެފްރިކާގެ ރޭލު ދަތުރުތަކުގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް އަވަސް ފުރުސަތެއްގައި ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެންމެ 30 މޭލު ކަޑަތު ކުރުމަށް 3 ގަޑިއިރު ހޭދަކުރަންޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.