ދުނިޔޭގެ ޖައްވު ތެރޭގައި ވަރުގަދަ ގިނިހިލައެއް ގޮވާފައިވާކަމަށް ނާސާއިން ބުނެފިއެވެ.

ނާސާއިން ބުނާ ގޮތުގައި މި ގޮވުމެއް ގޮވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

މިއީ ފާއިތުވީ 30 އަހަރު ދުވަހަށް ބަލާއިރު، ދެވަނައަށް އެންމެ ބޮޑު ގޮވުމެވެ. އަދި މީގެ 6 އަހަރުކުރިން ރަޝިޔާގެ ޝެލިޔަބިންސްކް މަތިން ގޮވި ގިނަހިލައަށްފަހު ގޮވި އެންމެ ވަރުގަދަ ގޮވުމެވެ.

ޑިސެމްބަރު މަހުގެ ގޮވުން މާ ބޮޑަށް ފާހަގަ ނުކުރެވި އޮތީ، އެގޮވުން ގޮވާފައިވަނީ ރަޝިޔާގެ ކަމްޝަތްކާ ޕެނިންސޫލާގެ ބޭރުން، ބެރިންގް ކަނޑުގެ މަތިން ކަމަށްވާތީއެވެ.

މި ގިނިހިލަ ގޮވާފައިވަނީ، ހީރޯޝީމާ އެޓޮމް ބޮމުގެ ގޮވުމުގައި ހުރި ހަކަތައިގެ އިތުރު 10 ގުނަ ބާރު މިނުގެ ހަކަތަ ބޭރުކުރަމުން ކަމަށްވެއެވެ.

ނާސާގެ ޕްލެނެޓަރީ ޑިފެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ލިންޑްލޭ ޖޯންސަން ބުނީ، މިފަދަ ވަރުގަދަ ގޮވުމެއް ގޮވާނީ ކޮންމެ 100 އަހަރަކުން ދެތިން ފަހަރު ކަމަށެވެ.

ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ގޮވާފައިވާ ގިނިހިލައިގެ ބޮޑު މިނުގައި އެތައް މީޓަރެއް ހުރިއިރު، މި ގިނިހިލަ ގޮވާފައިވަނީ ދުނިޔޭގެ ސަތަހައިގެ 25.6 ކިލޯމީޓަރު މަތިންނެވެ.