ނިއުޒީލަންޑްގައި ދިރިއުޅެމުންދާ މުސްލިމު އާބާދީއިން އެގައުމަށް ކުރަމުންދިޔަ ލޯތްބަށް ކުޑަ ނަމަވެސް އުނިކަމެއް ނާންނާނެކަމަށް ކްރިސްޓްޗާޗްގައި ހުކުރު ދުވަހު ބަޑީގެ ހަމަލާތައް އަމާޒުވި އެއް މިސްކިތުގެ އިމާމު ވިދާޅުވެއްޖެއެވެ.

ކްރިސްޓްޗާޗުގައި ހުރި ދެ މިސްކިތަކަށް ހުކުރު ނަމާދު ވަގުތުގައި ވަދެ، ސެމީ އޮޓަމެޓިކް ބަޑިއެއް ބޭނުންކޮށްގެން މީހަކު ދިން ހަމަލާތަކުގައި 49 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ހަމަލާ އަމާޒުވި ދެވަނަ މިސްކިތް ކަމަށްވާ ލިންވުޑް އެވެނިއު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވަމުން ގެންދެވި އިމާމު އިބްރާހީމް އަބްދުލް ޙަލީމު ވިދާޅުވީ، ނިއުޒީލަންޑްގައި ދިރިއުޅެމުންދާ މުސްލިމުން އަދިވެސް އެ ގައުމު ދެކެ ލޯބިވާކަމަށެވެ. އަދި ކުރެވެނީ އަމިއްލަ ވަޒަނުގެ އިހުސާސްތައް ކަމަށްވެސް އިމާމު ވަނީ ވިދާޅުވެފައެވެ.

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންނަކީ މުސްލިމުންގެ ސާބިތުކަމާއި ކުޅެލެވޭނެ ވަރުގެ ބައެއް ނޫންކަމަށްވެސް އިމާމް އިބްރާހީމް އަބްދުލް ޙަލީމު ވަނީ ވިދާޅުވެފައެވެ.

ނުވެސް ދަންނަ މީހުންގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި ހަމްދަރުދީ ފާހަގަކުރައްވާ އިމާމް ވިދާޅުވީ، ނިއުޒީލަންޑްގެ އާބާދީގެ ބޮޑު ބައެއް އަދިވެސް އޮތީ މުސްލިމުންގެ އިސްތިގުލާލަށް އިހުތިރާމްކުރާ ބައެއްގެ ގޮތުގައި ކަމަށެވެ.

ފުލުހުންވެސް އާންމުކޮށް ބަޑިހިފައިގެން ނޫޅޭ ގައުމެއްގެ މަގުމަތީގައި ހަތިޔާރު ހިފައިގެން އުޅުނު 3 މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިސްކިތްތަކަށް ހަމަލާދީ 49 މީހުން މަރާލި 28 އަހަރުގެ ބްރެންޓަން ޓެރަންޓްއާއި އެއްވެސް ގުޅުމެއް އޮތްތޯ ބެލުމުގެ ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ. ޓެރަންޓަކީ އޮސްޓްރޭލިއާގެ ރައްޔިތެއްކަން އޮސްޓްރޭލިއާއިންވަނީ ކަށަވަރުކޮށްދީފައެވެ.