ޅ. ނައިފަރަށް އުފަން އުމުރުން 10 އަހަރުގެ ފާތިމަތު ޖަންނަތު (ޖަންނަ) އަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ބައްޔެއް ކަމަށްވާ ހަކުރު ބައްޔަށް ބޭސް ކުރަމުންދާ ކުއްޖެކެވެ.
ހަކުރު މައްޗަށް ދިއުމުގެ ސަބަބުން ޖަންނަތަށް ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވާ ކަމަށް ކުއްޖާގެ މަންމަ، ހަދީޖާ އިބްރާހީމް ހިއްސާ ކުރީ ވަރަށް އަސަރާ އެކީގައެވެ. "ދަޕްރެސް" އަށް މައުލޫމާތު ދެމުން ހަދީޖާ ބުނީ، ޖަންނަތަށް އާދަޔާ ހިލާފަށް ގިނައިން ހޮޑުލެވޭ ކަމަށާއި، ހަށިގަނޑުގެ އޮކްސިޖަން ލެވަލް ދަށްވެ ނޭވާލާން އުނދަގޫވުމާއި މެއާއި ބަނޑުގައި ރިއްސާތީ އުޅޭ ކަމަށެވެ.
ޖަންނަތު އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ އުމުރުން 9 އަހަރުގައެވެ. ފެބްރުއަރީ 18، 2018 ވަނަ ދުވަހު މާ ބޮޑަށް ހޮޑުލައި ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކަން އޭނާ ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ. ކުއްޖާގެ ފަރާތުން ފެންނަމުން ދިޔަ އާދަޔާ ހިލާފު އެތައް ކަމެއް ފާހަގަ ކުރެވޭތީ ހަދީޖާ އެވާހަކަތައް ޑޮކްޓަރާ ހިއްސާކުރިއެވެ. ބަނޑުހައިވުމާ މާ ބޮޑަށް ކާހިތްވުމުގެ އިތުރުން ގިނައިން ފެން ބުއިމާ އާދަޔާ ހިލާފަށް ކުޑަކަމުދާ ވާހަކައެވެ. އެހިސާބުން ޑޮކްޓަރު ވިދާޅުވީ އެ އަލާމާތްތަކަކީ ހަކުރުބަލީގެ އަލާމާތްތަކެއް ކަމަށެވެ.
ހަކުރުގެ ޓެސްޓުތަކާއި ލޭގެ އެހެނިހެން ޓެސްޓުތަކެއް ހަދާ އޭގެ ރިޕޯޓުތަކުގެ ނަތީޖާ އައި އިރު ޖަންނަތުގެ ލޭގައި ހަކުރު ހުރި މިންވަރު ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. އެހިސާބުން ޖަންނަތުގެ އެ ބައްޔަށް ފަރުވާ ކުރަން ފެށިއެވެ. ނައިފަރު ހޮސްޕިޓަލުގައި ހަތަރު ދުވަސް ވާންދެން އެޑްމިޓްކޮށްފައި ބޭއްވުމަށް ފަހު އެމާޖެންސީކޮށް އައިޖީއެމްއެޗަށް ޖަންނަތު ބަދަލުކުރިއެވެ. އެފަހަރު އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށްފަހު ހާލު ސީރިއަސްވެގެން އައިސީޔޫއަށް ވެސް ބަދަލު ކުރަން ޖެހުނެވެ.
ޅ. ނައިފަރު ސްކޫލުގެ ގްރޭޑް 5 ގައި ތައުލީމް ހާސިލް ކުރަމުންދާ ޖަންނަތަށް މިދިޔަ އަހަރު ސްކޫލަށް ދެވުނީ މަދު ދުވަސްކޮޅެއްގައެވެ. މިދިޔަ އަހަރު ޖުމްލަ ފަސްފަހަރެއްގެ މަތިން ޖަންނަތު މާލެއަށް ގެނެސް އެޑްމިޓްކޮށްފައިވާ އިރު ހަތަރު ފަހަރު ހާލު ބޮޑުވެގެން އައިސީޔޫއިންވެސް ފަރުވާ ދީފައި ވެއެވެ. އެންމެފަހުން ޖަންނަތަށް އައިސީޔޫއިން ފަރުވާ ދީފައިވަނީ މި އަހަރު ފެބްރުއަރީ މަހުގައެވެ.
"ޖުމްލަ ފަސް ފަހަރު އައިސީޔޫއަށް ލި. އެންމެ ފަހުން ފަހަރު ފިޓުވެސް ޖެހުނު. އެއްފަރާތަށް އަނގަވެސް ދަމައިގެން" ޖަންނަތުގެ މަންމަ ބުންޏެވެ.
އެހެން ކުދިން ކައިބޮއެ އުޅޭކަހަލަ މީރު އެތައް އެއްޗެއް ކެއުމުން ޖަންނަތު ވަނީ މަހުރޫމް ވެފައެވެ. ބަލިވުމުގެ ސަބަބުން އެފަދަ އެއްޗެހި ނުކެވޭނެ ކަމަށް ބުނެ ކެތްތެރިކަމާ އެކީ ޖަންނަތަށް ހަދީޖާ ދިޔައީ ވިސްނައި ދެމުންނެވެ. ހަކުރު ދަށްނުވެ މަތިވަމުން ދާކަން ފާހަގަ ވުމުން ކުއްޖާގެ ފުރާނައަށް ގެއްލުން ވެދާނެތީ އިންސިއުލިން ދޭން ފެށިއެވެ. މިހާރު ޖަންނަތަށް ދުވާލަކު ހަތަރު އިރަށް ދަނީ އިންސިއުލިން ދެމުން ކަމަށް ހަދީޖާ ކިޔައިދިނެވެ.
އިންސިއުލިން ދެމުން ދާއިރު ކުއްލިއަކަށް ބައެއް ފަހަރު ހަކުރު ދަށްވާތީ އަމިއްލައަށް ގޭގައި ހަކުރު ބެލޭނެ ގޮތަށް ހަދީޖާ މެޝިނެއް ބޭނުން ކޮށްގެން ޓެސްޓު ކުރެއެވެ. އިންސިއުލިން ޖެހުމަށް ފަހުގައި އިތުރު އުނދަގުލެއް ޖަންނަތަށް ވާނަމަ ލޭގައި ހަކުރު ހުންނަ މިންވަރު ބެލުމަށް ޓެސްޓު ކުރެއެވެ. 70 އަށް ވުރެއް ހަކުރު ހުންނަ މިންވަރު ދަށްވާ ނަމަ ޑޮކްޓަރުން ލަފާ ދީފައި ވަނީ މެޓައެއް ނޫނީ ފޮނި ކޮންމެވެސް އެއްޗެއް ދިނުމަށެވެ. ނަމަވެސް ދަށް ވާން ފަށައިފި ދުވަހެއްގައި ކޮންމެ އެއްޗެއް ބޭނުން ކުރިއަސް ހަކުރު ދަށަށް ދާކަމަށާއި ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް ކެއުން ބުއިން ބަހައްޓައިގެން އުޅުނަސް ހަކުރު މައްޗަށް ދާއިރު ކޮންޓްރޯލް ނުވާހާ މައްޗަށް ދާކަމަށް ހަދީޖާ ބުނީ ވަރަށް އަސަރާ އެކުގައެވެ.
ޖުމްލަ ފަސް ފަހަރު އައިސީޔޫގައި އެޑްމިޓްކޮށްފައި ވާއިރު ކޮންމެ ފަހަރަކު ވެސް ކުއްޖާގެ ފައިގެ ކަކުލުން ތިރިއާއި މޫނުމަތި އާދަޔާ ހިލާފަށް ފޮއްސިވެފައި ހުންނަކަން ހަދީޖާއަށް ފާހަގަވެއެވެ. އެހެންކަމުން ޑޮކްޓަރުން ގާތު އެކުއްޖާގެ ކިޑްނީއާ ލިވާގެ ޓެސްޓުތައް ހެއްދުމަށްވެސް އާދޭސްކޮށް އެތައް ފަހަރަކު މަތިން ހަދީޖާ ވަނީ އެދިފައެވެ. އެންމެ ފަހުން ހެދި ޓެސްޓަކުން ލިވާއިންނާއި ކިޑްނީގެ ބައެއް ދުޅަވާ ކަމަށް ބުނެ ޖަންނަތަށް ކޮންމެ ދުވަހަކު ދެއިރަށް އިންޖެކްޝަންތަކެއް ވެސް ދީފައި ވެއެވެ.
ކުރިން ހަށިގަނޑު ރަނގަޅުކޮށް ހުރި ޖަންނަތު މިހާރު ހިކިގެންގޮސް ހުރީ ވަރަށް ކުޑަ ވެފައި ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އަދި ޖަންނަތުގެ ބައްޔަށް އިތުރު ލުޔެއް ހޯދުމަށް ރާއްޖެއިން ބޭރަށް ދާން އެ އާއިލާއިން ބޭނުންވާކަމަށް ބުނެ ޑޮކްޓަރުންގެ ލިއުމެއް ހޯދަންވެސް މަސައްކަތް ކުރިއެވެ. އެކަންވެސް ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ. އަދި ހަކުރު ބައްޔަކީ އާސަންދައިން އެހީ ދިނުމަށް ލިސްޓުކުރެވިފައިވާ ބައްޔެއް ކަމަށް ނުވާތީ އާސަންދައިންވެސް ޖަންނަތަށް އެހީއެއް ނުލިބޭނެ ކަމަށް ޖަންނަތުގެ މަންމަ ބުނެއެވެ.
"ޑޮކްޓަރުން ބުނީ، ބޭރަށް ދިޔަޔަސް ހަމަ ކުރެވޭނީ އެއް ފަރުވާއެކޭ. އާސަންދައިން ބުނީ މި ބައްޔަށް އާސަންދައެއް ނޯވެޔޯ. އެކަމަކު އަޅުގަނޑު ބޭނުން ރާއްޖެއިން ބޭރަށް ގޮސްގެން ވިޔަސް ޖަންނަތަށް ފަރުވާދޭން." ހަދީޖާ އިބްރާހީމް ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލީ މިހެންނެވެ.
ޖަންނަތުގެ މަންމަ ހަދީޖާ އިބްރާހީމަކީ އެކަނިވެރި މައެވެ. ޖަންނަތުގެ އިތުރުން އޭނާގެ 15 އަހަރުގެ ފިރިހެން ކުއްޖެއް ހުރެއެވެ. އަމިއްލަ އާއިލާއާ އެކީ އުޅެމުން އަންނަ ހަދީޖާއަށް މިވަގުތު މާލީ ގޮތުން ވަރަށް ބޮޑެތި ދަތިތަކަކާ މިވަނީ ކުރިމަތި ވެފައެވެ. ދަރިފުޅުގެ ބަލިހާލު ބޮޑުވެ އަތްމަތި ދަތިވަމުން ދާ އިރު އާއިލާގެ ފަރާތުން ހަދީޖާއަށް ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރެއެވެ.
ޖަންނަތަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދިއުމަށް މާލީ ގޮތުން ދަތި ތަކެއް ހުރި އިރު ޖަންނަތަށް އެހީވުމަށް ބޭނުންވާ މީހުން ޖަންނަތުގެ މަންމަ ހަދީޖާ އިބްރާހީމްގެ ނަންބަރު 9630210 / 7763424 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެއެވެ. އަދި ފައިސާގެ ގޮތުން އެހީވާން ބޭނުންވާ ފަރާތަތަކަށް ހަދީޖާގެ އެކައުންޓް ނަންބަރު 7705328670101 އަށް ފައިސާ ޖަމާ ކުރެވޭނެއެވެ.
މާތްﷲ ޖަންނަތަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއްކަމުގައި ލައްވާށިއެވެ.
ވެކްސިން ގެ ސަބަބުން ކުޑަކުދިންނަށް ހަކުރު ބަލި ޖެހޭ ކަން އެތައް ސައިންސްގެ ތަހުލީލުތަކުން ދައްކައެވެ. ނަމަވެސް، ވެކްސިން އިން ލިބޭ އަނިޔާތަކުގެ ވާހަކަ އެއްވެސް ޑޮކްޓަރެއް ދައްކާކަށް ބޭނުމެއް ނުވެއެވެ. ވެކްސިނަކީ "ރަން" ޝިފާއެއްގެ ގޮތުގައި ހަދައިގެން މިވިޔަފާރި ކުރިއެރުވުން ނޫން އެހެން ކަމެއް ނެތެވެ. އަނިޔާ ލިބޭ ކުދިންނާއި ބެލެނިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ނެތީ އެވެ.
ރަގަޅު ވާހަކައެއް އައިޝާ. އާސަންދައިން ރީތިވުމަށް ކުރާ ހޭދަ ފިޔަވައި ހުރިހާ ބައްޔެއްވެސް ކަވަރ ކުރޭ. އެކަމަކު ރާއްޖޭގައި ދެވެން ހުރި ޚިދުމަތަކަށް ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށް އާސަންދައެއް ހަމަނުޖެހޭނެ. ވެދާނެ އެވާހަކަ ކަމަށް ބުނަން އެއުޅެނީ. އެކަމަކު މިބުނެވެނީ އެހެން ވާހަކައެއް.
އާސަންދަ ނުލިބޭ ބޭސަފަރުވާ އެއް ނޫނޭ ލިޔާއިރު ލިޔުންތެރިޔާ އެކަން ކަށަވަރު ކުރިބާ. ޢައި.ޖީ.އެމް.އެޗް ގަ ކުރި ބޭސްފަރުވާ އަށް ޚަރަދުކުރީ އާއިލާއިންތޯ ސުވާލުކުރުން މުހިއްމު؟ ބޭސްފިހާރައިން ބޭސްނެގީ އަމިއްލަ ޚަރަދުގަތޯ
ޖަންނަ އަށް އަވަސް ޝިފާ އަކަށް އެދެން.