ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ މިސްކިތްތަކުގައި އިއްޔެ ދިން ބަޑީގެ ހަމަލާތަކުގައި ޒަހަމްވި، އުމުރުން އެންމެ 4 އަހަރުގެ އަންހެން ކުއްޖާއަކީ، ހުކުރު ދުވަހުގެ ހަމަލާތަކުގައި 3 ފަހަރަށް ވަޒަން އެރި ވަސީމު އަލްސޯތީގެ ދަރިފުޅެވެ. ވަސީމް އަކީ އުރުދުންއަށް ނިސްބަތްވާ، ބޯކޮށާ މީހެކެވެ. ވަސީމުގެ ދަރިފުޅު މިހާރު ވަނީ އިތުރު ފަރުވާ ދިނުމަށް، އޮކްލަންޑްގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފައެވެ.

ޒަހަމްތަކަށް ފަރުވާ ހޯދުމަށް، ހޮސްޕިޓަލުގެ ބަލި އެނދުގައި އޮވެ ވަސީމު އާންމުކުރި ޕޯސްޓަކީ ބައްޕައެއްގެ ލޯބީގެ ރަމްޒެއް ފަދަ ޕޯސްޓެކެވެ. ފޭސްބުކް މެދުވެރިކޮށް އާންމުކުރި ޕޯސްޓްގައި، އާއިލާ މެމްބަރުންނާއި ރަހުމަތްތެރިންގެ ކިބައިން ވަސީމު އެދުނީ އޭނާއަށާއި އޭނާގެ އަންހެން ދަރިފުޅު އެލީންއަށް ހެޔޮދުޢާކޮށްދިނުމަށެވެ.

4 ދަރިންގެ ބައްޕައެއްގެ މަގާމުގައި ހުރި ވަސީމުގެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގައިން ވަނީ ވަރު ދޫވެފައެވެ. އޭނާ ވަރަށް ބޮޑަށް ވަރުބަލުވެފައިވާކަމަށްވެސް އެވީޑިއޯގައި އޭނާބުނާއިރު، ކިއާ ނުކިއާ އެއްޗެއްވެސް އިވެނީ ކިރިއާއެވެ. ނަމަވެސް އެކި މީހުންގެ ފަރާތުން އޭނާއަށް ލިބެމުންދާ އޯގާތެރި މެސެޖުތަކަށް ވަސީމުވަނީ ޝުކުރުއަދާކޮށްފައެވެ.

"ހުރިހާ މެސެޖަކަށް ޖަވާބެއް ނުދެވޭނެ. މި ވީޑިއޯ މި ޕޯސްޓް ކުރަނީ، އަހަރެން ސަލާމަތުން ހުރިކަން ތި އެންމެނަށް އަންގައިދޭން. ތި އެންމެނަށް ﷲ ހެޔޮ ރަހުމަތް ލައްވާށި" އެވީޑިއޯގައި ވަސީމު ބުނެއެވެ.

ވަސީމާއާއި އޭނާގެ އަންހެނުން އަސްމާގެ ރަހުމަތްތެރިއެއް ކަމަށްވާ ކެރޮލީން ފިލިޕްސް، އޭނާގެ ފޭސްބުކް ޕޭޖުގައި ހޮނިހިރު ދުވަހު ބުނެފައިވަނީ، ފައިގެ އުކުޅުވަޅު ހިމެނޭ ސަރަހައްދަށް ހެރިފައިވާ ތޫނު އެއްޗެއްގެ އިތުރުން ކަށިކޮޅެއް ނެގުމަށް ވަސީމު ސާޖަރީއަށް ވައްދާފައިވާކަމަށެވެ. އަދި އޭނާގެ ގޮހުރުގައި ލޯވަޅެއް އެޅި ފޫގޮސްފައިވާ ތަން ބައްދުމަށް ސާޖަރީއެއް ހަދާފައިވާކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަސްމާ މިވަގުތު ހުރީ ހުކުރު ދުވަހުގެ ހަމަލާތަކުގެ ޝިކާރައަކަށް ވި 4 އަހަރުގެ އެލީންއާއިއެކު އޯކްލަންޑްގެ ހޮސްޕިޓަލެއްގައެވެ. އެލީންވެސް ވަނީ ސާޖަރީއެއް ހަދާފައެވެ.

ވަސީމްއާއި އޭނާގެ އާއިލާ، އުރުދުންގެ ވެރިރަށް އައްމާން ދޫކޮށް ނިއުޒީލަންޑަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އޭނާ މަސައްކަތްކުރަމުންދިޔައީ ނިއުޒީލަންޑްގެ ބޯހަދާތަނެއްގައެވެ. އޭގެ ފަހުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު، ބޯހަދާ މީހުންގެ އިވެންޓްތަކެއްގައި ފާހަގަކޮށްލެވޭ ރަންވަނަތަކެއްވެސް ވަސީމު ވަނީ ހޯދާފައެވެ. އެއަށްފަހު އޭނާ ވަނީ އޭނާގެ އަމިއްލަ ފިހާރައެއްވެސް ހުޅުވާފައެވެ.

އެއްވެސް ކުށެއް ނެތް އެތައް މުސްލިމުންގެ ފުރާނަ ދުއްވާލި ރަހުމުކުޑަ ގާތިލުގެ ބަޑިން ޖެހި ވަޒަންތައް އޭނާގެ ހަށިގަނޑަށް އަމާޒުވިއިރު، ވަސީމު ދިޔައީ އޭނާއަށް ލިބިފައިވާ ބޯކޮށުމާއި ބޯހެދުމުގެ ހުނަރުވެރިކަމާއި ބެހޭ ތަމްރީނު ޕްރޮގްރާމްތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުމުގެ ފޮނިހުވަފެންތައް ދެކެމުންނެވެ.