"އަރަބި ދުނިޔެ އެންމެ ބޮޑަށް ބޭނުން ޖެހިފައިވަނީ މިނިވަންކަމާއިއެކު ޚިޔާލުފާޅުކުރުމަށް"! މިއީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު، ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓް ތެރޭގައި އިހާނެތި ގޮތަކަށް މަރާލެވުނު ތަޖުރިބާކާރު ނޫސްވެރިޔާ ޖަމާލް ޚަޝޯގީ، އޭނާ އޭރު މަސައްކަތްކުރަމުންދިޔަ ވޮޝިންގްޓަން ޕޯސްޓަށް ލިޔުނު އެންމެ ފަހު އާޓިކަލްއެވެ. ވޮޝިންގްޓަން ޕޯސްޓްއިން މި ލިޔުން ޝާއިއުކުރީ، ސައުދީގެ ކޮންސިއުލޭޓް ތެރެއަށް ޚަޝޯގީ އެންމެ ފަހުން ވަތްތާ 15 ދުވަސް ފަހުންނެވެ.
އެމެރިކާގެ ނިއު ޔޯކްގައި ގާއިމުވެފައިވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީ.ޕީ.ޖޭ)ގެ ކޯޓްނީ ރޭޑްޝް ސިފަކުރި ގޮތުގައި ޖަމާލް ޚަޝޯގީ މަރާލި ހާދިސާއަކީ މުޅި ދުނިޔެ ހޭލައްވާލި ހާދިސާއެކެވެ. ނޫސްވެރިކަމަކީ ކިހާ ބިރުވެރި މަސައްކަތެއްކަން ވިސްނާނުލެވި ތިބި ކިތަންމެ ބަޔަކުވެސް އެކަމާއި ވިސްނުވަން މަޖުބޫރުކުރުވި ހާދިސާއަކީ ޖަމާލް ޚަޝޯގީގެ ގަތުލާއި، އެކަމަށް ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވާނެ މީހަކު ނުލިބުނު މައްސަލަކަން ކޯޓްނީ ފާހަގަކުރެއެވެ.
ސީޕީޖޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 1992 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައިއިރު 1337 ނޫސްވެރިއަކު ވަނީ މަރާލާފައެވެ.
ސީޕީޖޭއިން ވަނީ މިގޮތަށް މަރާލެވިފައިވާ ނޫސްވެރިން އެންމެ ފަހުން ކޮށްފައިވާ މަސައްކަތްތައް ހިމަނައިގެން "ދަ ލާސްޓް ކޮލަމް" ގެނަމުގައި ފޮތެއް އެކުލަވާލާފައެވެ. މީގެ އިތުރުން އެ ޖަމިއްޔާއިން ދަނީ، މަސައްކަތުގެ މައިދާނުގައި ނުރައްކާތަކާއި ކުރިމަތިލާންޖެހުނު ނޫސްވެރިންގެ ވާހަކަތައް ހިމަނައިގެން ޑޮކިއުމަންޓްރީއެއްވެސް ވަނީ އާންމުކޮށްފައެވެ.
ސީޕީޖޭއިން ބުނީ ނޫސްވެރިންގެ މަރުގެ މައްސަލަތަކާއި ގުޅިގެން އެކަށީގެންވާ މިންވަރަށް އިންސާފު ހޯދާދެވިފައި ނުވާ ކަމަށާއި، ކޮންމެ 10 މައްސަލައަކުން 9 މައްސަލާގައި ގާތިލު ނިކުމެގެންދަނީ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. މިއީ ބަދަލުވާންވެއްޖެ ކަމެއް ކަމަށާއި، މިކަން ބަދަލުކުރެވެން އޮތީ އާންމު މުޖުތަމައުން އެކަމަށް ފިއްތުންތައް ކުރިމަތިކޮށްގެން ކަމަށްވެސް ސީޕީޖޭއިން ބުނެއެވެ.
ޚަޝޯގެ މަރުގެ މައްސަލައަށް ބަލާއިރު އެކަމުގައި ބައިވެރިވީ ސައުދީ ސަރުކާރުގެ އޮފިޝަލުން ކަމަށްވީ ނަމަވެސް، އެކަމާއި ގުޅިގެން މާ ބޮޑު ފިޔަވަޅެއް އަޅާފައިވަނިކޮށެއް ނުފެނެއެވެ. ޚަޝޯގީ މަރާލަން އޯޑަރު ދީފައިވަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ)ގެ ރިޕޯޓުން ދެއްކި ނަމަވެސް، ސައުދީން އަދިވެސް ދަނީ ވަލީއަހުދު ދިފާއުކުރަމުންނެވެ.