ދުނިޔޭގެ އެންމެ ބޮޑު ސޯޝަމް މީޑިއާ ޕްލެޓްފޯމްގެ ގޮތުގައި އޮތް ފޭސްބުކްގެ ތާރީހުގައި ކުރިމަތި ނުވާ ވަރުގެ ބޮޑު ވެއްޓުމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުން ފޭސްބުކް ބޭނުންކުރަމުން ދިޔަ ގިނަ ބަޔަކަށް މި މައްސަލަ ކުރިމަތިވިއިރު، ފޭސްބުކްގެ ގިނަ ފީޗާތަކަކަށް އޮތީ ހުއްޓުން އަރާފައެވެ.
މިއާ އެންމެ ގާތްކުރާ ދަރަޖައަށް ފޭސްބުކް ހުއްޓުމަކަށް އައީ 2008 ވަނަ އަހަރުއެވެ. އޭރު ފޭސްބުކް ބޭނުންކުރަމުން ދިޔައީ 150 މިލިއަނެއްހާ ޔޫޒާ އެކައުންޓުން ކަމަށްވީ ނަމަވެސް، މިއަދު މި ޕްލެޓްފޯމުގައި މަހެއްގެ މައްޗަށް 2.3 ބިލިއަން ޔޫޒާޒް ދަނީ ހަރަކާތްތެރިވަމުންނެވެ.
ފޭސްބުކްއަށް ބުދަ ދުވަހުގެ ރޭ ކުރިމަތިވި މައްސަލަތަކުގެ އަސަރު، ފޭސްބުކްގެ މެސެޖިންގް އެޕްގެ އިތުރުން އިންސްޓަގްރާމްއަށްވެސް ކުރި ކަމަށްވެސް ޚަބަރު ލިބެއެވެ. ކަންމިހެން އޮތްއިރު، މިފަދަ ބޮޑު މައްސަލައެއް ކުރިމަތިވީ ކީއްވެކަމެއް އަދި މުޅިން ސާފުވާ ގޮތެއް ނުވެއެވެ.
ބުދަ ދުވަހުގެ ރޭ 09:00 ހާއިރުން ފެށިގެން ފޭސްބުކްގައި އާ ޕޯސްޓެއް ނުކުރެވުނު މައްސަލައާއި މެސެންޖާގެ ޑެސްކްޓޮޕް ވާޝަން އާއި އިންސްޓަގްރާމް ފީޑް ލޯޑުނުވި މައްސަލަތަކެއްވެސް ވަނީ ރިޕޯޓްކޮށްފައެވެ.
މިމައްސަލަތައް އަދިވެސް މުޅިން ހައްލު ނުވާއިރު، ފޭސްބުކްއިން ބުނީ މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. ފޭސްބުކްއާއި، ފޭސްބުކްއާއި ގުޅިފައިވާ ގިނަ އެޕްތަކެއް ހުއްޓުމަކަށް އައިސްފައިވާއިރު ގިނަ ބަޔަކު ދަނީ ޓްވީޓާއާއި އެނޫންވެސް އެފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ހިޔާލުފާޅުކުރަމުންނެވެ.