މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދެއްވަން ވިދާޅު ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށް އަމާޒުވަމުންދާ ފާޑު ކިއުންތަކަށް ރައްދު ދެއްވަމުން އެމަމިކުފާނު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ދޭން އެއްގޮތަކަށްވެސް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދަ ވާހަކައެއްވެސް ނުދައްކަވާ ކަމަށް ވިދާޅުވިއެވެ.

"ހިތާމަ އަކީ ދެން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މިވާހަކަ މިގޮތަށް ފަތުރަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ފަރާތްތަކާއި ގުޅިގެންކަމުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާރިއަށް ވުރެ ރަލުގެ ވިޔަފާރީގެ ފައިދާ ބޮޑުކަމަށް އއ ތޮއްޑޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ދުނިޔޭގައި ހުންނަ ބައެއް ހަގީގަތްތަކުގެ ތެރެއިން އެއް ހަގީގަތަކީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީ ސެންޓާއި ޗޮކްލެޓާއި ރަލާއި ސިގިރޭޓް ކަމަށެވެ.

އަދި މި އެއްޗެހިން ވިޔަފާރި ކޮށްގެން އިންތިހާއަށް ފައިދާ ބޮޑުވާނެ ކަމާއި މުއްސަދިވާނެކަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ގެސްޓް ހައުސް ވިޔަފާރި އަކީ ދިވެހިރާއްޖޭގައި ރަނގަޅަށް ހިންގެނޭ ވިޔަފާރިއެއް ކަމަށާއި އަދި އެ ވިޔަފާރިން ފައިދާ ނެގޭނެ ކަމަށެވެ.

ނަމަވެސް ނަޝީދުގެ ވާހަކަފުޅުގައި ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގެ ތެރެއަށް ސީދާ ރާ ވައްދާ ވާހަކަ ވިދާޅުވެފައެއް ނުވެއެވެ.