އެއީ މިދިޔަ އާދީއްތަ ދުވަހެވެ. އެމީހުން ބޯޑުކުރަމުންދިޔައީ ބަދުނަސީބު ނިމުމެއް އައި އިތިއޮޕިއަން އެއާލައިންސް ފްލައިޓް އީޓީ 302 އަށެވެ. އެންޓޯނިސް މަވްރޮޕޯލަސް ބުނާ ގޮތުގައި ފްލައިޓަށް ބޯޑު ކުރުމަށް ގޭޓާއި ހަމައަށް ދެވުނުއިރު، ފަސެންޖަރުންގެ އެންމެ ފަހު ގުރޫޕަށް ބޯޓަށް އަރަނީއެވެ. ކެންޏާއަށް ދަތުރު ފެށިތާ މާގިނައިރެއް ނުވަނީސް ބޯޓު ވެއްޓި، އެއިން ދަތުރުކުފި 157 މީހުންގެ ފުރާނަ ގެއްލުނު ހިތްދަތި ހާދިސާއިން މަވްރޮޕޯލަސް ސަލާމަތްވީ، އޭގެ ކުރިން އޭނާއަށް ކުރިމަތިލާންޖެހުނު ހީވެސް ނުކުރާފަދަ ހާލަތްތަކެއްގެ ސަބަބުން ކަމަށް އޭނާ މިއަދު ގަބޫލުކުރެއެވެ.

އެޑިސް އަބާބާއަށް މަވްރޮޕޯލަސް އައީ ކަނެކްޓިންގް ރޫޓަކުން ނައިރޯބީއަށް ދިއުމަށެވެ. ކެންކްޓިންގް ފްލައިޓަކީ އީޓީ 302އެވެ. ދެ ފްލައިޓް ދޭތެރޭގައި އޮތީ ގާތްގަނޑަކަށް 30 މިނެޓުގެ ވަގުތުކޮޅެކެވެ. މިއީ އެއް ފްލައިޓުން އަނެއް ފްލައިޓަށް ބޯޑުކުރަން ވަރަށްވެސް ކުޑަ ވަގުތުކޮޅެކެވެ.

ނައިރޯބީގައި އޮތް ކޮންފަރެންސްއަކަށް ކޮންމެހެންވެސް ދާންޖެހޭތީ ގޭޓް ހުޅުވާދިނުމަށް އެދި އެއާޕޯޓްގައި ހުރެގެން މަވްރޮޕޯލަސް ހަޅެއްވެސް ލެވިއެވެ. އެކަމަކު ކަމާއި ބެހޭ ފަރާތްތަކުން އެ ފުރުސަތެއް އޭނާއަކަށް ނުދިނެވެ. ޗެކްއިން ކުރަންޖެހޭ ލަގެޖެއް ނުގެނައީވެސް އެހާ ވަގުތު ނުލިބޭނިތީކަމަށް ބުނާ މަވްރޮޕޯލަސް ބުނީ، އޭނާ ލަގެޖެއް ޗެކްއިން ކުރި ނަމަ އެއާޕޯޓުންވެސް އީޓީ302އަށް އޭނާ ބޯޑުކުރަންދެން މަޑުކުރީސްކަމަށެވެ.

ގޭޓް ހުޅުވާދެވެން ނެތްކަމަށް ބުނެ އެއާލައިންގެ މުވައްޒަފުން އޭނާގެ ކިބައިން މައާފަށް އެދުނު ކަމަށް މެވްރޮޕޯލަސް ބުނެއެވެ. އަދި ޖެހިގެން އޮތް ފްލައިޓަކުން ކެންޏާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސާދިނެވެ. ނަމަވެސް އެ ފްލައިޓް އޮތީ 3 ގަޑިއިރު ފަހުންނެވެ. އެ ވަގުތުތައް އެއާޕޯޓް ތެރޭގައި ހޭދަކުރުމަށްފަހު އެއާލައިނުން ބުކްކޮށްދިން ފްލައިޓަށް ބޯޑު ކުރަން ދާން އުޅުމުން އަނެއްކާވެސް މެމްރޮޕޯލަސްއަށް ހުރަހެއް ކުރިމަތިވިއެވެ. މިފަހަރު އޭނާއަށް ހުރަސްއެޅީ ސެކިއުރިޓީ ގާޑުންނެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ފްލައިޓަށްވެސް ބޯޑު ނުކުރެވޭނެ ކަމަށް ސެކިއުރިޓީއިން މެވްރޮޕޯލަސްއަށް އެންގުމަށްފަހު އޭނާ ގެންދިޔައީ ސުޕަވައިޒަރުގާތަށެވެ. އޭރުވެސް މެވްރޮޕޯލަސް ދިޔައީ ރުޅިގަދަވެގެން ޝަކުވާ ކުރަމުންނެވެ. ދެވަނަ ފްލައިޓެވސް މިސްވެދާނެތީއެވެ. ރުޅިގަނޑު މައިތިރިވީ ސުޕަވައިޒަރު ދިން ޚަބަރަކުންނެވެ. އޭނާ ފުރަތަމަ ބޯޑުކުރަން އޮތް އީޓީ302ގެ ހިތްދަތި ހާދިސާގެ ޚަބަރު މެވްރޮޕޯލަސްއަށް ލިބުނީ އަދިކިރިއާއެވެ.

މެވްރޮޕޯލަސް ބުނި ގޮތުގައި ސުޕަވައިޒަރު ޚަބަރު ދިން އިރު، އެއީ އޭނާއާއި ކުރި ސަމާސާއެއް ކަމަށް ގަބޫލުކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަވެސް ބެލީ އާއިލާއަށް ގުޅާ، އޭނާ ސަލާމަތުން ހުރި ޚަބަރު ދެވޭތޯ ކަމަށް މެވްރޮޕޯލަސް ބުނެއެވެ.

މެވްރޮޕޯލަސް ދަނީ އޭނާގެ ތަޖުރިބާތައް ސޯޝަލް މީޑިއާގައިވެސް ހިއްސާކުރަމުންނެވެ. މިހާރު ނައިރޯބީގައި ހުރި މެވްރިޕޯލަސް ބުނާ ގޮތުގައި އޭނާއަށް އަދިވެސް ނިދަން ދަތިވެއެވެ. ބަޔާންކޮށްދޭންވެސް ނޭނގޭ އެތައް ހާދިސާއަކުން އޭނާގެ ފުރާނަ ސަލާމަތްވިކަން ގަބޫލުކުރަން އަދިވެސް އޭނާއަށް ދައްޗެވެ. މެވްރޮޕޯލަސްއަކީ އީޓީ302އިން ދަތުރުކުރަން ޓިކެޓް ނެގި މީހުންގެ ތެރެއިން ފްލައިޓް މިސްވި ހަމައެކަނި މީހާއެވެ.