ކޮންމެ މީހަކީވެސް ބިޒީ ޝެޑިއުލެއްގައި އުޅެންޖެހިފައިވާ މީހަކަށްވާއިރު ކޮފީއަކީ ގިނަ މީހުންގެ ބައިވެރިއެކެވެ. ބައެއް މީހުންނަށް އިންސްޓަންޓް ކޮފީ ނުވަތަ ވަގުތުން ތައްޔާރުކޮށްލެވޭ ގޮތަށް ހުރިހާ ރަހައެއް ހެޔޮވަރުކޮށްގެން އުރަތަކުގައި ބާޒާރަށް ނެރެފައި ހުންނަ އިންސްޓަންޓް ކޮފީ ވަރެއް ނޯންނަނީވެސް މިސަބަބަކާއި ހެދިކަމަށް ވެދާނެއެވެ. ނަމަވެސް ދެނަހުރީމުހެއްޔެވެ؟ އިންސްޓަންޓް ކޮފީއަކީ ސާފުކުރަން ބޭނުންކުރާ މާއްދާއެކޭވެސް ބުނެވިދާނެއެވެ.

ފޭސްމާސްކް

އެންޓިއޮކްސިޑަންޓްސްއާއި ނިއުޓްރިއަންޓްސްއިން މުއްސަނދިކުރެވިފައިވާ އިންސްޓަންޓް ކޮފީއަކީ އެފަދަ ދެވަނައެއް ނެތް ފޭސްމާސްކްއެކެވެ. މޫނުގައި ހާކާލެވޭ ވަރަށް އިންސްޓަންޓް ކޮފީޕެކެޓް އޮލަކޮށްލުމަށް ބޭނުންވާނީ ސައިސަމުސަލެއްހާ ފެންފޮދެކެވެ. މޫނުގައި އިންސްޓަންޓް ކޮފީ ފޭސްމާސްކް އެޅުމަކީ މޫނުގެ ހަންގަނޑުގެ ތެރެއަށް އެންޓިއޮކްސިޑަންޓްސްތައް ދަމައިގަނެ، މޫނުގައި ޖެހޭ ކުދި ރޫތަށް ފިލުވާލަދީ، އިތުރަށް ރޫޖެހުން މަދުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ކެފެއިންގެ ސަބަބުން ލޭގެ ހިނގުން ރަނގަޅުވެ ލޯކައިރި ކަޅުވުމުން ދުރުކޮށްދެއެވެ. ހަމަމިއާއެކު އިރުގެ އަތްވާއިއެކު އަންނަ އަލްޓްރާ ވައިލެޓްގެ ވިހަ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުމުންވެސް ސަލާމަތްކޮށްދެއެވެ.

ގައިއުނގުޅާ ސްކަރަބް

އިންސްޓަންޓް ކޮފީއަކީ އޭގެ ޒާތުގައި އަރާމު އިހުސާސެއް ކުރުވާ ބޮޑީ ސްކްރަބްއެކެވެ. އިންސްޓަންޓް ކޮފީއިން ސްކްރަބްކުރުމުގެ ހަށިގަނޑުގައި ލޭގެ ހިނގުން ރަނގަޅުވެ، ސެލިއުލައިޓްސްއިން ދުރުކޮށްދެއެވެ. މީގެ އިތުރުން ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ނައްތާލާ، ހަންގަނޑު އޮމާންވެފައި ޒުވާން ކަމަށް ދައްކާދޭނެއެވެ. އިންސްޓަންޓް ކޮފީ ޕައުޑަރުގެ ތެރެއަށް ތާޒާ ކާށިތެޔޮ ފޮދަކާއި ސީސޯލްޓްކޮޅެއް އެޅުމަށްފަހު ސްކްރަބް ކުރަން ފަށަންވީއެވެ.

އަތްދޮންނަ ސައިބޯނި

މެންދުރަށް ނޫނީ ރޭގަނޑަށް ކައްކާލުމަށްފަހު ފިޔައާއި ލޮނުމެދުވަސް ނުފިލައިގެން އުޅެންޖެހެނީ މަދު ފަހަރަކު ނޫނެވެ. މިކަމަށް އޮތް ހައްލަކީ ފެންލައިގެން އަތްދޮވުމުގެ ކުރިން އިންސްޓަންޓް ކޮފީ ޕައުޑަރުން އަތް ސްކްރަބްކުރުމެވެ. ރަނގަޅަށް އަތުގައި އެ ޕައުޑަރު ސްކްރަބް ކުރުމަށްފަހު ފެނުން ދޮވެލުމުން އަތުގައި ހުރި ފިޔައާއި ލޮނުމެދުވަސް ފިލުމުގެ އިތުރުން އަތުގެ ހަންގަނޑުވެސް އޮމާންކޮށްދޭނެއެވެ.

ބަދިގެ ކައުންޓަރަށްވެސް ފުދޭ

ނުރައްކާތެރި ކެމިކަލްތަކުން ގެދޮރު ސަލާމަތްކޮށް ބެހެއްޓުމަކީ މިއަދު ގިނަ މީހުން ސަމާލުކަން ދޭ ކަމަކަށްވާއިރު، އަމިއްލައަށް ގޭގައި ތައްޔާރުކުރާ ކްލީނިންގް އޭޖެންޓްސްއަކީވެސް މަގުބޫލު ޓްރެންޑެކެވެ. ބޭނުންވާ ހަމައެކަނި އެއްޗަކީ އިންސްޓަންޓް ކޮފީއާއި ފެންފޮދެކެވެ. މިއި ކިޗަން ކައުންޓާ ނުވަތަ ގްރެނައިޓްއާއި އުނދުން ކައިރީގައި ޖަހާފައި ހުންނަ ޓައިލްސްތަކަށް ބުރާފައި ހުންނަ ކާއެއްޗިއްސާއި ތެލާއި އެފަދަ ގިރިސްތައް ފިލުވަން އެންމެ އެކަށީގެންވާ އެއް ހައްލެވެ. ނަމަވެސް ކެޕެޓް ނޫނީ ވޯލްޕޭޕާ ހަރުކޮށްފައި ހުންނަ ތަންތާނގައި އިންސްޓަންޓް ކޮފީ ކްލީނިންގް އޭޖެންޓް ބޭނުން ކުރަން ހެޔޮވެސް ނުވާއެވެ. ދެން އުޅެންޖެހޭނީ ކުލަ ނުފިލައިގެންނެނެވެ.