އިންޓަނެޓާއި ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް ލިބިގެންދިޔަ ފަސޭހަތަކާއި އެއްވަރަށް ވިސްނާ ފިކުރު ކުރަންޖެހޭ ކަންކަންވެސް ދަނީ އިތުރުވަމުންނެވެ. އަދުގެ ޒުވާން ޖޯޑުތަކުގެ މެދުގައި އުފެދެމުން އަންނަ އެންމެ ބޮޑު އެއް ނުތަނަވަސްކަމަކަށް ވެފައި އޮންނަނީ ލޯބިވެރިޔާއާއި ސޯޝަލް މީޑިއާއާއި ދެމެދު އޮންނަ ގުޅުމެވެ.
ހަޔާތުގެ ބައިވެރިޔާއަކީ ކިތަންމެ ބަލައިގެން ސޯޝަލް މީޑިއާގައި އުޅޭ މީހަކަށްވީނަމަވެސް، ގިނަ ފަހަރަށް އޮންނަނީ ކޮންމެވެސް ކަހަލަ ޝައްކުތަކެއް ފެންމަތިވެފައެވެ. މިފަދަ ޝައްކެއް ކުރެވިއްޖެނަމަ ބައިވެރިޔާއާއި ވާހަކަ ދައްކަނީ ހެއްޔެވެ؟ ކުރިމަތިލަނީ ހެއްޔެވެ؟ ނަމަވެސް، ގިނަފަހަރަށް މިއީ ކުރަން މާ ފަސޭހަވެސް ކަމެއް ނޫނެވެ.
ތަޖުރިބާކާރުން ބުނަނީ ކީކޭ؟
ސީނިއާ ކޮންސަލްޓަންޓް ސައިކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޝުވެތާ ސިންހް ބުނާ ގޮތުގައި، މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވަނީ ޒުވާން ޖޯޑުތަކުގެ މެދުގައެވެ. މިކަން މިހެން ދިމާވަނީ އިހުސާސްވެސް ނުކުރެވޭ މިންވަރަށް ސޯޝަލް މީޑިއާއަށް ބަރޯސާވެވި، ވާނުވާ ނޭނގި އެ ޕްލެޓްފޯމްގައި އެތައް އިރެއް ހޭދަކުރެވެން ފަށާ ހިސާބުންނެވެ. ނަތީޖާއަކަށްވަނީ ލޯބިވާ މީހުންނާއިއެކު އަމަލީ ގޮތުން ހޭދަކުރެވޭ ވަގުތު މަދުވުމެވެ. އެވަގުތުތައްވެސް ސޯޝާލް މީޑިއާގެ މަސްނޫއީ ޕްލެޓްފޯމަކަށް ދޫކޮށްލެވުމެވެ. އަނެއް މީހާއަކީ ބޭނުމެއް ނެތް މީހެއް ކަމާއި، އަނެކުންގެ ލޯބި ނުލިބޭ ކަމުގެ އިހުސާސް ކުރެވުމަކީ ދެމީހެއްގެ މެދުގައި އޮންނަ ގުޅުން ރޫޅިގެން ދިއުމަށް ގޮއްވާލެވޭ ބޮމަކަށް އޮންނަނީވެފައެވެ.
ހިތް ނުތަވަނަވަސް ކުރާކަމެއް ދެނެގަތުން
ލޯބިވެރިޔާއާއިއެކު ހޭދަކޮށްލަން ލިބޭ ވަގުތު މަދުވާ ވާހަކަ ހަވާސާކުރުމަށްފަހު، ބައިވެރިޔާ ސޯޝަލް މީޑިއާއާއި އުޅުމުން ތިބާގެ ހިތް ހަގީގަތުގައި ނުތަނަވަސް ކުރުވާ ސަބަބު ދެނެގަތުން ވަރަށް މުހިންމެވެ. އެއީ ސޯޝަލް މީޑިއާގައި އޭނާގެ މިޒާޖު ހުންނަ ގޮތުން ހެއްޔެވެ؟ ނޫނީ ތިބާގެ ޕޯސްޓުތަކަށް ކޮމެންޓުނުކޮށް ޝެއާ ނުކުރާތީ ހެއްޔެވެ؟ ނޫނީ ތިބާ ހިތްނުރުހޭ މީހުންނާއިއެކު ސޯޝަލް މީޑިއާގައި ގުޅުން ބާއްވާތީ ހެއްޔެވެ؟ ނޫނީ ތިބާ ނުރުހޭ ސިޔާސީ ފިކުރަކަށް އޭނާ ތާއީދުކުރާތީ ހެއްޔެވެ؟
ބައިވެރިޔާ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާތީ އެކަމާއި ދެކޮޅަށް އޭނާއާއި ވާހަކަދައްކަން ފެށުމުގެ ކުރިން، މިފަދަ ކިތަންމެ ސުވާލެއްގެ ޖަވާބު ހޯދަންވާނެއެވެ.
ޖަވާބު ލިބިއްޖެ. ދެން ހަދާނީ ކިހިނެއް؟
ބައިވެރިޔާ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާތީ ތިބާ ހަސަދަވެރިވާ ނޫނީ ހިތްނުރުހޭ ހަގީގީ މައްސަލަ ދެނެގަނެވުމާއިއެކު ބައިވެރިޔާއާއި އެވާހަކަ ދައްކާނެ ގޮތެއް ހޯދަންވީއެވެ. އޭނާއަށްވެސް ލިބިފައިވާ ޒާތީ ސިއްރު ހިފެހެއްޓުމުގެ ހައްގަށް އުނިކަން ނާންނަ ފަދަ ގޮތަކަށް، އަދި އޭނާވެސް ހިތްދަތިނުވާނެ ފަދަ ގޮތަކަށް އެ ވާހަކަތައް ދައްކަން ފެށުމަކީ މުހިންމު ކަމެކެވެ. ކަމާއި ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ، ބޭކާރު ވާހަކަތައް ގިނަ ނުކޮށް، ސީދާ މައްސަލައަށް ވަކާލާތު ކުރުމެވެ.
މާ ކުރިން ގޮތެއް ނުނިންމާ
ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހި އެ މައްސަލަ ބޮޑުވެގެންދަނީ މާ އަވަހަށް އަނެކުންނާއި މެދު ގޮތް ނިންމޭތީއެވެ. އެހެންކަމުން ބައިވެރިޔާއާއި ސޯޝަލް މީޑިއާގެ ވާހަކަ ދައްކާއިރުވެސް "ތިހާ ގިނައިރު ސޯޝަލް މީޑިއާގައި ތި ކުދިންތަކަށް ބަލަން ތިހާ ގިނައިރު ހޭދަކުރަނީ ކޮންކަމެއް ވެގެންހޭ" އެހުމުގެ ބަދަލުގައި، ބައިވެރިޔާ ސޯޝަލް މީޑިއާގައި ހޭދަކުރާ ވަގުތުގެ ސަބަބުން، ދެމީހުންގެ ގުޅުމަށް އައިސްފައިވާ ހީނަރުކަމުގެ ވާހަކައިން ފަށާށެވެ. ޒުވާބެއްގެ ކުރުމުގެ ބަދަލުގައި ތިބާއަށް ފެންނަ ގޮތް ބަޔާންކޮށްދިނުމަށްފަހު އަނެއް މީހާވެސް ވާހަކަ ދައްކަން ފުރުސަތު ދޭށެވެ. އޭނާގެ ހިޔާލަށްވެސް އިހުތިރާމްކުރާށެވެ. އަމިއްލަ މީހާއަށް ހުރިހާ މަންފާއެއް ހޯދުމުގެ ބަދަލުގައި، ދިރިއުޅުމަކީ ދެމީހުންގެ ގުޅުމެއް ކަމުގައި ގަބޫލުކޮށްގެން ވާހަކަ ކުރިއަށް ގެންދާށެވެ.
ސޯޝަލް މީޑިއާގައި ބައިވެރިޔާ އުޅޭ ގޮތް ބެލުން
ބައިވެރިޔާއާއި ކުރިމަތިލާއިރު އޭނާ ސޯޝަލް މީޑިއާގައި އުޅޭ ގޮތް ތިބާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ތިބާ އޭނާއަށް ފާރަލީ ހެއްޔެވެ؟ އޭނާ ސްޓޯކް ކުރީ ހެއްޔެވެ؟ ނޫނީ ޖާސޫސް ކުރީ ހެއްޔެވެ؟ ނޫނީ ހެކް ކުރީ ހެއްޔެވެ؟ މިހުރިހާ ސުވާލެއްގެ ޖަވާބު ދޭން ތައްޔާރުވުމުން ނޫނީ މި ވާހަކަތަކައިގެން ބައިވެރިޔާއާއި ހަމައަށް ނުދާށެވެ. މުހިންމީ ދެ ފަރާތުންވެސް ތެދުވެރިކަމާއިއެކު ވާހަކަ ދެއްކުމެވެ. އެއްވެސް ކަމެއް ފޮރުވަން އުޅެގެން ފަހުން ގޮވާ ބޮން މާ ވަރުގަދަ ވާނެއެވެ. ބައިވެރިޔާ ސޯޝަލް މީޑިއާގައި އުޅޭ ގޮތް ބަލަން ބޭނުންނަމަ އެކަން ކުރަންވާނީ އޭނާގެ ހައްގުތަކަށް އުނިކަމެއް ނާންނާނެގޮތްތައް ބަލައިގެން، އެ ގޮތްތަކާއި އެއްގޮތަށެވެ.
ގަވައިދުތަކެއް ކަނޑައެޅުން
މަޝްވަރާކޮށްގެން ދެމީހަކަށް އެއްގަލަކަށް އެރޭ ހިސާބުން ދެމީހުންވެސް ސޯޝަލް މީޑިއާ ބޭނުންކުރާނެ އުސޫލުތަކެއް ކަނޑައަޅަންވާނެއެވެ. ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާކުރުމުގެ ފުރުސަތު ތިބާއަށް އޮތްއިރު، އަނެކުންނަށްވެސް އެ ފުރުސަތު ދޭށެވެ. ނޫނީ ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާ ނުކުރުމަށް އޭނާ އެދޭނަމަ އެފަދަ ނިންމުންތަކަށްވެސް އިހުތިރާމް ކުރާށެވެ. މިވަރުންވެސް ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ފެންމަތިވާނަމަ، ލަސްނުކޮށް އެކަމަކާއި ވާހަކަ ދައްކައިގެން ހައްލުކުރުން ބުއްދިވެރިއެވެ.
ސަޅި އާޓިކަލްއެއް.