ފާއިތުވީ އަހަރެއްހާ ދުވަހަށް ބަލާއިރު އެންމެ ގިނަ ބަޔަކު އެ މަސްތެއްގައި ވަބާގައި ޖެއްސި އެކައްޗަކީ ޕްލޭޔާ އަންނޯންސް ބެޓެލް ގްރައުންޑް ނުވަތަ އާންމު ނަމުންނަމަ ޕަބްޖީއޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ.

ޕަބްޖީ ކުޅެން ފަށައިފި މީހަކު އެ ހިފާ ގަދަ ދެއްވެއްގެ ސަބަބުން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ޕަބްޖީ ކުޅުމަކީ ގާނޫނީ ކުށެއް ކަމުގައިވެސް ވަނީ ކަނޑައަޅާފައެވެ. މި ހެން ނުހަދަންވީ ސަބަބެއް ނެތެވެ. ޕަބްޖީގެ އަވާގައި ޖެހި، މަސްތުވެގެން ގިނަ ބަޔަކު ދަނީ ނުރަނގަޅު އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިފަދަ އެއް ޚަބަރަކީ، ޕަބްޖީ ކުޅެން ފައިސާ ބޭނުންވެގެން، އުމުރުން 15 އަހަރުގެ ކުއްޖަކު އޭނާގެ ބައްޕަގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ނެގި ޚަބަރެވެ. މިމައްސަލަ ފެންމަތިވީ މީހަކު، އޭނާގެ އެކައުންޓުން އެތައް ހާސް ރުޕީޒްއެއްގެ ފައިސާ ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި ހިސާބުންނެވެ.

ފުލުހުން ބެލި ބެލުމުން އެނގުނު ގޮތުގައި، ބައިސްކަލު ހަދާ މީހެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ އެ ފިރިހެން މީހާގެ އެކައުންޓުން އެތައް ހާސް ރުޕީޒްއެއް ނަގާފައިވަނީ އޭނާގެ 15 އަހަރުގެ ފިރިހެން ދަރިފުޅެވެ. އެ ދަރިފުޅު މި ފައިސާ ނަގާފައިވަނީ ޕަބްޖީ ކުޅުމަށް ބޭނުންވާ ބައެއް ސަމާނުތައް ގަތުމަށް ކަމަށްވެއެވެ.

މިފަދަ އަނެއް ޚަބަރަކީ ޕަބްޖީގެ މަސްތުގައި ޖެހިފައި އިން މީހަކު ފެންކަމަށް ހިތާ އެސިޑް ބޯލި ޚަބަރެވެ. ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އެމީހާ މިހާރު ދޫކޮށްލާފައިވާއިރު، އަތްޖެހޭ ހިސާބުގައި އެސިޑްފުޅިއެއް އެހާ ފަސޭހައިން ބޯލެވޭ ގޮތަށް ހުރި ސަބަބަކަށް ވުރެ ބޮޑަށް މީޑިއާގެ ސަމާލުކަން ހޯދީ ޕަބްޖީގެ މަސްތުގެ ވާހަކަކަން ފާހަގަކޮށްލެވެއެވެ.