ހޭލާ ގޮތަށް ހޭލާ ކޮފީތައްޓެއް ބޯލުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. ނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮފީގައި ނޭދެވޭ ސައިޑް އިފެކްޓްސްތަކެއް ހުރެއެވެ. އަދި ކޮފީ ބޯ މިންވަރު މަދުކުރުމަށް ވެސް އެ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. ކޮފީ ދެކެ ލޯބިވާ ފަރާތްތަކަށް މިއީ ގަބޫލުކުރަން ދަތި ވާހަކައެކެވެ. ނަމަވެސް މިހާރު މިކަމަށް ހައްލެއް ހޯދިއްޖެއެވެ. ކުރަންޖެހޭހާ ވެސް ކަމަކީ ކޮފީ ތަށިތެރެއަށް ކާށިތެޔޮކޮޅެއް އަޅާލުމެވެ.
ކޮފީއަށް ކާށިތެޔޮ އަޅާނީ ކިހިނެއް؟
ކާށިތެޔޮ އަޅައިގެން ކޮފީތައްޓެއް ތައްޔާރުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކުރަންޖެހޭހާވެސް ކަމަކީ އާންމުކޮށް ކޮފީ ބޯން ގެންގުޅޭ ޖޯޑުގެ ތެރެއަށް 2 މޭޒު މަތީ ސަމުސާ ކާށިތެޔޮ އެޅުމަށްފަހު، އޭގެ ތެރެއަށް ހޫނު ކޮފީ އަޅައިގެން ގިރާލުމެވެ. އެހުރީ ކާށިތެޔޮ ކޮފީ ތައްޔާރުވެފައެވެ.
ކާށިތެޔޮ ކޮފީއަކީ މެޓަބޮލިޒަމް ބޫސްޓަރެއް!
ފަހުގެ ސިއްހީ ހޯދުންތައް ދައްކާ ގޮތުގައި ކޮފީއާއެކު ކާށިތެޔޮ ބޭނުން ކުރުމަކީ ހަށިގަނޑުގައި އެކުލެވޭ ރަނގަޅު ކޮލަސްޓްރޯލް ނުވަތަ (އެޗް.ޑީ.އެލް)ގެ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓްވެސް އިތުރުކޮށްދެއެވެ. މިކަން މެދުވެރިވަނީ ކާށިތެލުގައި އެކުލެވޭ ފެޓްގެ މިންވަރާއި، ކޮފީގައި އެކުލެވޭ ކެފެއިން އެކުވެގެންނެވެ.
ލޭގެ ހަކުރު ކޮންޓްރޯލް ކުރަން އެހީވާނެތަ؟
ކޮފީއާއި ކާށިތެޔޮ އެކުގައި ބޭނުން ކުރުމަކީ ހަށިގަނޑުގައި ދައުރުވާ ލޭގައި ހަކުރު ނުވަތަ ގްލޫކޯޒް އެކުލެވޭ މިންވަރު ރެގުއުލޭޓްކޮށްދޭ ކަމެކެވެ. އެހެނީ ލޭގެ ސެލްތަކާއި އިންސިއުލިން އެކުގައި ދައުރުވާން އެހީވެދޭ އެއްޗަކަށް ކާށިތެޔޮ ކޮފީ ވާކަމެވެ. އެހެންކަމުން ކާށިތެޔޮ ކޮފީއަކީ، ހަކުރު ބަލި ހުންނަ މީހުން ބޭނުންކުރަން އެކަށީގެންވާ ބުއިމެއް ކަމުގައި ދެންނެވިދާނެއެވެ.
ހަޖަމް ކުރުމުގެ ނިޒާމަށް ނަސީބެއް!
ކޮންމެ ކަމަކަށްވެސް ހައްދެއް އޮވެއޭ ބުނާ އުސޫލުން އެކަށީގެންވާ މިންވަރަކަށް ކާށިތެޔޮ ކޮފީ ބޭނުން ކުރުމަކީ ހަޖަމު ކުރުމަށްވެސް ފަސޭހަކޮށްދޭ ކަމެކެވެ. އަދި ބޮޑުކަމު ދިއުމަށްވެސް ފަސޭހަކޮށްދެއެވެ.
ދިފާއީ ނިޒާމަށްވެސް ރައްކަލެއް!
ކޮފީގައި އެކުލެވޭ ޕޮލީޕެނޯލް އޮކްސިޑަންޓްސްއަކީ ހިތުގެ ބަލިތަކާއި އެކި ކަހަލަ ކެންސަރާއި ނާރުގެ ބަލިތަކުން ދުރުކޮށްދޭ މާއްދާއެކެވެ. ކާށިތެލާއިއެކު ކޮފީ ބޭނުންކުރުމަކީ ހަށިގަނޑުގައި ހުންނަ އެކިކަހަލަ ޕެތޯޖަންސްއާއި ހަނގުރާމަކުރުމަށްޓަކައި ދިފާއީ ނިޒާމަށް އިތުރު ބާރެއް ލިއްބައިދޭ ކަމެއްވެސް މެއެވެ.
އިސްވެދެންނެވުނު ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު، ކާށިތެޔޮ ކޮފީއަކީ ހަށިގަނޑަށް ނުހަނު ފައިދާ ހުރި ބުއިމެއް ކަމުގައި ނިންމިދާނެއެވެ. ނަމަވެސް، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކާށިތޮޔޮ ކޮފީ ބޭނުންކުރަންވާނީ ވަކި ލިމިޓެއްގެ ތެރޭގައެވެ. މާ ގިނައިން ކާށިތެޔޮ ކޮފީ ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު އޮވެއެވެ. އާންމު އުސޫލަކުން ކާށިތެޔޮ ކޮފީ ބޯން ބޭނުންވާނަމަ، ސިއްހީ ތަޖުރިބާކާރެއްގެ އިރުޝާދު ހޯދުން ބުއްދިވެރިއެވެ.