ސިނގިރޭޓު ބުއިމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށްދާ ނުރައްކާތެރި ކެމިކަލްތަކުގެ މިންވަރަށްވުރެ ބޮޑަށް، ޝީޝާ ބުއިމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށްދާ ވިހަ ކެމިކަލްތަކުގެ މިންވަރު އިތުރުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާ ބުނާ ގޮތުގައި ޝީޝާ ނުވަތަ ހޫކާ ބޭނުންކޮށްގެން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހިތުގެ ހިނގުމަށާއި ލޭގެ ޕްރެޝަރަށް ނޭދެވޭ ބަދަލުތަކެއް ގެނުވައެވެ. އަދި ގަވާއިދުން މިކަން ކުރާނަމަ ހިތުގެ ބަލި ޖައްސާކަމަށް ވެސް ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

މި ދިރާސާ އާންމުކޮށްފައި ވަނީ އެމެރިކަން ހާޓް އެސޯސިއޭޝަންގެ ޖާނަލް ކަމަށްވާ "ސާކިއުލޭޝަން" ގައެވެ.

ދިވެހިން ކިއާ އުޅޭ ގުޑުގުޑާ ގަނޑަކަށް އަޅައިގެން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނުވަތަ ޝީޝާއާއި ހޫކާ ބުއިމަކީ ރައްކާތެރި ކަމެއް ކަމުގައި ހީވެފައި އޮތް ނަމަވެސް، ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ) އިން ބުނާ ގޮތުގައި މިކަމުގެ ސަބަބުން ސިއްހަތަށް އޮތީ އެއްކަހަލަ ނުރައްކާތަކެކެވެ.

އާ ދިރާސާ ބުނާ ގޮތުގައި، 30 މިނެޓް ވަންދެން ޝީޝާ ބޯމީހެއްގެ ހަށިގަނޑަށް ވިހަ ކެމިކަލް ދައުރުވާ މިންވަރު، އެންމެ ސިނގިރޭޓެއް ބޯ މީހަކަށްވުރެ މާ ގިނައެވެ.

ޝީޝާ ބޯއިރު ހަށިގަނޑުގެ ތެރެއަށް ދުންތައް ވަދެގެން ދަނީ ފެންގަނޑެއްގެ ތެރެއިން ފިލްޓަރުވެގެން ކަމުން އެއީ ސިނގިރޭޓަކަށްވުރެ ރައްކާތެރި އެއްޗެއް ކަމުގައި ހީވެފައި އޮންނަ އޮތުމަކީ ކުށް ހީއެއްކަމަށް ދިރާސާގެ އިސް މުސައްނިފެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޕީ.އެޗް.ޑީ ޑރ. އަރޫނީ ބާތުނަގަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފެނުގެ ތެރެއިން ދުންފަތްތައް ފިލްޓަރުވެގެން ދުމަށް އަރައިގެން ދާ ދިއުމުގެ ސަބަބުން ވިހަ މާއްދާތައް މަދުވާކަމަށް އެއްވެސް ދިރާސާއަކުން ސާބިތުކުރެވިފައި ނުވާކަންވެސް ޑރ.ބާތުނަގަރު ވިދާޅުވިއެވެ. މިއާ ޚިލާފަށް ޝީޝާއަކީ ދެވިހިއްޕުވާ ކަމެއް ކަމަށާއި، ނަތީޖާއަކަށްވަނީ އެމީހާ ސިނގިރޭޓު ވެސް ބޯން ފެށުންކަމަށް ޑރ. ބާތުނަގަރު ވަނީ ފާހަގަކުރައްވާފައެވެ.

ޝީޝާ ނުވަތަ ހޫކާ ބުއިމަކީ މިފަހަކަށް އައިސް ދިވެހި ޒުވާނުންގެ މެދުގައިވެސް ޒަމާނީ ފެޝަނަކަށް ވެގެން ކުރަމުން އަންނަ ކަމެކެވެ.