ކިއުބާގައި ދިރިއުޅެމުންދާ ތިން ކުއްޖެއްގެ ބައްޕައަކީ މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާކަމަށް ޚަބަރުތައް ބުނެފިއެވެ.

މެރަޑޯނާގެ ގާނޫނީ ވަކީލު ބުނީ އެ ތިން ކުދިންނަކީ އޭނާގެ ދަރިންކަމަށް ޚުދު މެރަޑޯނާ ވެސް އިއުތިރާފުވާނެ ކަމަށެވެ.

އުމުރުން 58 އަހަރުގެ މެރަޑޯނާ މިހާތަނާ ޖެހެންދެން ބުނަމުން ދިޔައީ އޭނާ ކައިވެނިކޮށްގެން އުޅޭ އަންހެން މީހާ ނޫން އެހެން މީހަކަށް އޭނާގެ ދަރިއަކު ނުހުންނާނެ ކަމަށެވެ. ނަމަވެސް ވަކީލުގެ ވާހަކަތަކާއެކު މެރަޑޯނާގެ ދަރިންގެ ގޮތުގައި ތިބި ކުދިންގެ އަދަދު މިވަނީ އަށަކަށް އަރާފައެވެ.

މެރަޑޯނާގެ ވަކީލު ބުނީ ބައްޕަކަން ސާބިތުކުރުމަށް ހަދާ ޕެޓާނިޓީ ޓެސްޓު ހެދުމަށްފަހު، އެކުދިންނަކީވެސް އޭނާގެ ދަރިންކަން މެރަޑޯނާ އާންމުކޮށް އިއުލާން ކުރާނީ މިއަހަރުގެ ފަހުކޮޅު އޭނާ ހަވާނާއަށް ދަތުރުކުރުމަށް ފަހުގައި ކަމަށެވެ.

ކިއުބާގައި ތިބި 3 ކުދިންނަކީ 2 ބަނޑަކަށް ލިބިފައިވާ ކުދިން ކަމަށްވާއިރު، މެރަޑޯނާގެ ނަމަށް ނަން ބަދަލުކުރުމުގެ ގަނޫނީ ހުއްދަ، މި 3 ކުދިންނަށްވެސް ލިބޭނެއެވެ.

މަސްތުވާތަކެތީގެ އެޑިކްޝަނަށް ފަރުވާ ހޯދުމަށް މެރަޑޯނާ ކިއުބާއަށް ދަތުރުކޮށް އެގައުމުގައި ދުވަސްތަކެއް ހޭދަކުރީ 2000 ވަނަ އަހަރާއި 2005 ވަނައަހަރާއި ދެމެދުގައެވެ.