އަމިއްލަ މަސައްކަތުން ބިލިއަނަރުންނަށްވި މީހުންގެ ލިސްޓުގެ އެންމެ ހަގު މެންބަރުގެ ޝަރަފު މިހާރު އޮތީ ކައިލީ ޖެނާއަތުގައި ކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. ފޯބްޒް އިން އެކުލަވާލާފައިވާ ޓޮޕް ސެލްފް މޭޑް ބިލިއަނާޒް ލިސްޓުގެ އެންމެ ހަގު މެންބަރުންގެ ގޮތުގައި އުމުރުން 21 އަހަރުގެ ކައިލީ ލިސްޓުކޮށްފައިވާއިރު، އޭނާގެ މުއްސަނދިކަމުގެ ބޮޑު ހިއްސާއެއް އޮތީ ކައިލީ ކޮސްމެޓިކްސްގެ ޒަރިއްޔާއިންނެވެ.

ކަންމިހެންއޮތްއިރު، ކައިލީގެ މުއްސަނދި ކަމަކީ ހަމަ އޭނާ އަމިއްލައަށް ހޯދި މުއްސަނދިކަމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެހެނީ، ކައިލީ އެ އާއިލާއަކަށް ނިސްބަތްވާ ކާޑޭޝަން އާއިލާއަކީ ދުނިޔޭގައި މިވަގުތު ބްރޯޑްކާސްޓްކުރާ އެންމެ ކާމިޔާބު އެއް ރިއާލިޓީ ޝޯ އެބަޔަކަށް ހާއްސަކުރެވިފައިވާ އާއިލާއަށްވާއިރު، ކައިލީގެ ކޮސްމެޓިކްސް ލައިންގެ ވިޔަފާރި ފަތުއަޑުކިޔާފައި ކުރިއަރައިގެން ދިއުމުގެ އެއް ސިއްރަކީ ވެސް މިއީ ކަން ގަބޫލުކުރަން ޖެހެއެވެ.

އަނެއް ބަޔަކު ބުނާ ގޮތުގައި ކައިލީގެ އަމިއްލަ ކޮސްމެޓިކްސް ލައިނެއް އޮތެއް ކަމަކު އޭނާ ނިސްބަތްވަނީ، މާލީ ގޮތުން އިންތިހާއަށް ތަނަވަސް އާއިލާއަކަށެވެ. ވީއިރު އެފަދަ ތަނަވަސްކަމެއް ނެތް އާއިލާއަކަށް އުފަންވެފައި ހުރި ޒުވާނަކަށް ބިލިއަނަރަކަށް ވެވެން އޮތް ފުރުސަތާ މެދު ގިނަ ބަޔަކު ސުވާލުކުރެއެވެ.

މިކަމާ ގުޅިގެން ކައިލީ ބުނީ އޭނާ އަތުގައި ހުރި އެއްވެސް ފައިސާއަކީ އާއިލީ ގޮތުން ވާރުތަކޮށްފައިވާ ފައިސާއެއް ނޫން ކަމަށެވެ. އުމުރުން 15 އަހަރުވީއިރު މައިންބަފައިން އޭނާގެ މައްޗަށް ހަރަދުކުރުން ހުއްޓާލާފައިވާ ކަމަށާއި އަދި އޭނާގެ އަމިއްލަ މަސައްކަތުން ފައިސާ ހޯދުމަށް އޭނާގެ މައިންބަފައިން އޭނާއަށް މަޖުބޫރުކުރި ކަމަށްވެސް ކައިލީ ދަނީ ބުނަމުންނެވެ.

ކައިލީ އޭނާގެ ކޮސްމެޓިކްސް ލައިން ލޯންޗުކުރީ 2015 ވަނަ އަހަރުއެވެ. އޭނާގެ ވިޔަފާރީގައި ފުލްޓައިމްކޮށް ހަތް މުވައްޒަފުން އަދި ޕާޓްޓައިމްކޮށް ފަސް މުވައްޒަފަކު ދަނީ މަސައްކަތް ކުރަމުންނެވެ.

ކައިލީ ވިޔަފާރި ފެށީ ޓީވީއާއި މޮޑެލިންގްގެ ދާއިރާގައި އޭނާ ކުރި މަސައްކަތުން ލިބުނު އާމްދަނީއިން އެއްކުރި 250،000 ޑޮލަރުން ކަމަށްވެއެވެ. ކައިލީގެ ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓަނީ އޭނާގެ މަންމަ ކްރިސްއެވެ. އަދި މިކަމުގެ އުޖޫރައެއްގެ ގޮތުގައި ވިޔަފާރީގެ ފައިދާގެ 10 އިންސައްތަ އެ މަންމައަށް ފީއެއްގެ ގޮތުގައި ދައްކަންޖެހެއެވެ.