އަންހެންކުއްޖަކު ބޮޑުވީއޭ ބުނާ ހިސާބުން ފެށިގެން އިއްދައިން ކެނޑުމާއި ދެމެދު، ދަރިމައިވުމުގެ ސިއްހަތު ސަލާމަތުން ހުރި ކޮންމެ އަންހެނަކާއި މަހަކު އެއްފަހަރު ބައްދަލުކުރާ ހައިޟުގެ ދުވަސްވަރުގެ ވާހައަކީ އަދިވެސް ގިނަ ބަޔަކު ދައްކަން ލަދުގަންނަ ވާހަކައެކެވެ. ވަކީން ހާއްސަކޮށް، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ޑިމޮކްރަސީއެއް އޮންނަކަމަށް ބުނާ އިންޑިއާގައި މިކަންތައް ވަކިން ބޮޑެވެ.

ކިތަންމެ ރަނގަޅަކަށް ކަލަންޑަރު ބެލެހެއްޓިނަމަވެސް، ހައިޟުވާ ކޮންމެ އަންހެނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އެހެން މީހެއްގެ އަތުން ސެނިޓަރީ ޕެޑެއް ހޯދަންޖެހިފައި އޮންނާނެ މީހެކެވެ. ނަމަވެސް، އެގޮތުންވެސް ނުލިބޭ ހާލަތްތަކެއް މެދުވެރިވެއެވެ. އާދަކާދަ އޮންނަ ގޮތުން ނުދަންނަ މީހެއްގެ އާހަލަންވެސް ލަދުގަންނަ މީހުންގެ އަދަދު ގިނައެވެ. ދިގުދަތުރެއްގެ މަތީގައި މި ހާލަތު މެދުވެރިވެއްޖެނަމަ ކަންތަކާ ޖެހުނީއެވެ. ނަމަވެސް އިންޑިއާގެ އެއާލައިނަކުން މިކަން ބަދަލުކޮށްފިއެވެ.

އިންޑިއާގެ ޑޮމެސްޓިކް އެއާލައިނެއް ކަމަށްވާ ވިސްޓާރާ އެއާލައިންސްއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ހުކުރު ދުވަހުން ފެށިގެން އެ އާލައިންގެ ފްލައިޓްތަކުން ދަތުރު ކުރާ އަންހެން ފަސެންޖަރުންނަށް އެއްވެސް އިތުރު ޚަރަދެއް ކުރަން ނުޖެހި ސެނިޓަރީ ޕެޑް ލިބޭނެކަން ހާމަކޮށްފައެވެ. އަދި އެއާލައިންއިން ލިބެން ހުންނަ ސެނިޓަރީ ޕެޑަކީ އާދައިގެ ޕެޑެއް ނޫންކަމަށާއި އެއީ އެއްލާލުމުން ފަސޭހައިން ނެތިގެންދާ ތިމާވެއްޓާ ރައްޓެހި ޕެޑެއް ކަމަށްވެސް އެއާލައިންވަނީ ބުނެފައެވެ.

އަންހެނުންގެ ދުވަހާއި ދިމާކޮށް ދިވެހިރާއްޖޭގެ ގައުމީ ބޭންކުންވެސް ވަނީ އަންހެން މުވައްޒަފުންނަށް ސެނިޓަރީ ޕެޑް ލިބޭނެ އިންތިޒާމް ހަމަޖައްސާދީފައެވެ. މިއީ ގިނަ ކުންފުނިތަކަކާއި އިދާރާތަކަކުން މިސާލެއްގެ ގޮތުގައި ބަލައިގަންނަވަންވީ ރީތި ބަދަލުތަކެކެވެ.