ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާގައި ދިން ވަރުގަދަ ހަމަލާއާއި ގުޅިގެން ޕާކިސްތާނުން ގިނަ އަދަދެއްގެ ހަނގުރާމަވެރިންތަކެއް ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި، ޕުލްވާމާ ހަމަލާގެ ފަހަތުގައިވާ ޖަމާއަތް ކަމަށް ބުނާ ޖާއިޝީ މުޙައްމަދުގެ ބާނީ މައްސޫދު އަޒްހަރުގެ ފިރިހެން ދަރިފުޅާއި އަޚެއްވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

ހަނގުރާމަވެރިންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ، ބައިނަލްއަގުވާމީ މުޖުތަމައުން ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރަމުންދާ މި ދަނޑިވަޅުގައި ޕާކިސްތާނުން ވަނީ ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ 44 މީހަކު ހައްޔަރުކޮށްފައިވާކަމަށް ބުނެފައެވެ.

ޕާކިސްތާނުގައި ހުރި ޖާއިޝީ މުޙައްމަދު ޖަމާއަތުގެ އިމާރާތްތަކަށް ވައިގެ މަގުން ހަމަލާދީ، އެތަންތަން ނައްތާލެވިފައިވާކަމަށް އިންޑިއާއިން ވަކާލާތުކުރާއިރު، މިހާތަނަށް އާންމުވެފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު ޖާއިޝީ މުޙައްމަދު ޖަމާއަތުން ހިންގާ ސްކޫލެއްވެސް ހަމަ އެހުރި ގޮތަށް އެބަހުއްޓެވެ.