ސިކުނޑިއަށް ޖެހޭ ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ގްލިއޮބްލަސްޓޯމާއަށް ކުރާ ފަރުވާއަށް އިންގީލާބީ ބަދަލުތަކެއް ހޯދާދިން 19 އަހަރުގެ ޒުވާނާއަށް 2019 ވަނަ އަހަރުގެ ނޭޝަނަލް ސްޓެމް އެވޯޑް ހަވާލުކޮށްފިއެވެ.
ސައިންސް، ޓެކްނޮލޮކީ، އިންޖިނިއަރިންގް އެންޑް މެތްސް (ސްޓެމް)ނޭޝަނަލް އެވޯޑް ހާސިލުކޮށްފައިވަނީ އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ކާވްޔާ ކޮއްޕަރާޕޫކިއާ އަންހެން ކުއްޖެކެވެ.
އެވޯޑާއިއެކު އިނާމެއްގެ ގޮތުގައި ކާވްޔާއަށް 10000 ޑޮލަރު ހަދިޔާކޮށްފައިވާއިރު، ސްޓެމް އެޑިއުކޭޝަން މެތްސްއިންވަނީ ކާވްޔާގެ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ.
ކޮމްޕިއުޓާ ސައިންސްއާއި ބައޮލޮޖީގެ ރޮނގުން ކާވްޔާ މިވަގުތު މަތީ ތައުލީމު ހާސިލުކުރަމުންދަނީ ހާވަޑް ޔުނިވާސިޓީގައެވެ. ގްލިއޯވިޝަންގެ ނަމުގައި ކާވްޔާ އުފައްދާފައިވާ ޕްލެޓްފޯމަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، ސިކުނޑީގެ ޓިއުމަރުގެ ސިފަތައް މިހާރުގެ ތަހުލީލުތަކަށް ހިނގާ ވަގުތާއި ހަރަދަށްވުރެ ހަތަރު ބައިކުޅަ އެއްބައި ކުޑަކޮށްދޭ ޕްލެޓްފޯމެކެވެ. ކާވްޔާގެ ގްލިއޯވިޝަން މެދުވެރިކޮށް ޓިއުމަރުގެ ސިފަތައް ދެނެގަންނަނީ ޑީއެންއޭ ސާމްޕަލްއެއް ނެގުމުގެ ބަދަލުގައި ބައޮޕްސީއެއްގެ ސްކޭން ފޮޓޯއެއް ބޭނުންކޮށްގެންނެވެ.
މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓިއުމަރުގެ ސިފަތައް %100 ދެނެގަނެވޭކަމަށް މައުލޫމާތު ލިބެއެވެ.