ހދ.ކުޅުދުފުއްޓަށް އުފަން އަދްޔަން އާދަމަކީ އުފެދުމުގައި ނޭވާ ހޮޅިއާ ކާއެއްޗެހި ދާ ހޮޅި ގުޅިފައިވާ ކުއްޖެކެވެ. މިހާރު ކާ ހޮޅި ފުއްޕާ މެޔާ ގުޅިފައި ހުރި ތަނުން ވަކިކޮށް ވަނީ ބަނޑަށް ބަދަލުކޮށްފައެވެ.

އަދްޔަންގެ އުމުރުން މިހާރު ފަސް އަހަރު ފުރެމުން ދާއިރު އަދްޔަނަށް އަދިވެސް ހަރު ކާއެއްޗެއް ނުކެވެއެވެ. އަދްޔަންގެ އާއިލާއިން ބުނާ ގޮތުގައި ނޭވާ ހޮޅިއާއި ކާހޮޅި ވަކިކުރަން އޮޕަރޭޝަން ކުރި ފަހުން މިހާރު ދިމާވާ މައްސަލައަކީ ހޮޅި ވަކި ކުރި ތަނުން ކާ އެއްޗެހި އަނބުރާ ނުކުތުމެވެ. އެހެން ކަމުން އަދްޔަންއަށް ކާން ދެނީ ވަރަށް ފަރުވާތެރިކަމާ އެކު ގައެވެ.

އަދްޔަންގެ އާއިލާއިން ބުނާ ގޮތުގައި ފަރުވާއަށް އިންޑިޔާއަށް ދާން ޑޮކްޓަރު ބުނެފައި އޮތް ދުވަސް ފާއިތުވެފައިވީ ނަމަވެސް އާއިލާގެ މާލީ ހާލަތު ތަން ނުދޭތީ އިންޑިޔާއަށް ދެވޭ ގޮތް ވަނީ ނުވެފައެވެ. އާސަންދަ އާއި އެންސްޕާއިން ވެސް ބޭސް ފަރުވާގެ ހަރަދު ދިން ކަމުގައިވިއަސް ކެއުމާއި ހުރުމަށް ބޮލަކަށް ދުވާލަކު 400 ރުޕީސް އަރާކަމަށާއި އެހީއެއް ލިބެންދެން މަޑުކޮށްގެން ތިބީ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

"އަދްޔަންގެ ފަރުވާއަށް އެންމެ ފަހުން އިންޑިޔާގެ ކޮޗިނަށް ގޮސް އޭނާގެ ކަރުތެރެ ބޮޑު ކުރީ. ދެން އެތަނުން ކޭ އެއްޗެއް ކަރުތެރޭގަ ތާށިވީ. ތާށިވެގެން ދިޔައިމަ އެތަނުން ބުނީ މައްސަލައެއް ނެތަކަމަށް. ދެން އަހަރެމެން އަމިއްލަ އަށް ޓްރިވެންޑްރަމްގެ ކިމްސް އަށް ގޮސް ތާށިވި އެތިކޮޅު ނެގީ" އަދްޔަންގެ މަންމަ ކިޔާދިނެވެ.

އަދްޔަންގެ ފަރުވާއަށް މިހާރު ތިން ފަހަރު އިންޑިޔާއަށް ދެވިއްޖެ ކަމަށް އަދްޔަންގެ މަންމަ މައުލޫމާތުދެއެވެ. އަދްޔަންގެ މަންމަ މައުލޫމާތުދޭ ގޮތުގައި ކުރިން އިންޑިޔާއަށް ދިޔައީ އަމިއްލަ ފަރާތަކުން އެހީދީގެން ކަމަށެވެ. އަދި މިހާރު އެފަރާތުން އަދްޔަނަށް އެހީ ދެވެން ނެތް ކަމަށް ބުނާކަމަށެވެ.

އަދްޔަނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އަދްޔަންގެ މަންމަ، ސޯދިގާ ޒަކަރިއްޔާގެ ފޯނު ނަންބަރަށް (9859520) ގުޅައިގެން ކުރިއަށް ގެންދިއުމަށް ނުވަތަ، ބީއެމްއެލް އެކައުންޓަށް (7730000046883) ޓްރާންސްފާ ކޮށްދިނުމަށް އާއިލާއިން އެދެއެވެ.