ހަފުތާ ތެރޭގައި މަދުވި ނިދި ހަމަކުރުމަށްކަމަށް ބުނެ، ހަފުތާ ބަންދުގައި ދެގުނައަށް ނިދުމަކީ ހަފުތާ ތެރެއިން މަދުވި ނިދީގެ ބަދަލު ލިބޭނެ ކަމެއް ނޫންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާ ކޮށްފައިވަނީ ދެ ގުރޫޕެއްގެ މެދުގައެވެ. މި ދެ ގުރޫޕަށްވެސް 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަވެގެން ނިދަންލިވެނީ 5 ގަޑިއިރެވެ. މި ތަނުން އެއް ގުރޫޕަށް ހަފުތާ ބަންދުގައި "ނިދި ހަމަކުރުމަށް" ފުރުސަތު ދިންއިރު އަނެއް ގުރޫޕަށް މި ފުރުސަތު ދީފައެއް ނުވެއެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ ހުރިހާ ގޮތަކުންވެސް ސިއްހަތު ރަނގަޅު މީހުންނެވެ.
ދިރާސާގެ ނަތީޖާއަށް ބަލާއިރު ދެ ގުރޫޕުންވެސް ރޭގަނޑުގެ ވަގުތުތަކުގައި "ކޫސަނި" ކާ އެއްޗިހި ކައި ހެދިއެވެ. އަދި ހަށިގަނޑުގެ ބަރުދަން އިތުރުވެ، ދިރާސާގެ މުއްދަތު ފެށިއިރާއި އަޅާ ބަލާއިރު މެޓަބޮލިކް ސިއްހަތު ދަށަށް ދިޔައެވެ.
ދިރާސާގެ މުސައްނިފު އަދި ޔުނިވާސިޓީ އޮފް ކޮލަރާޑޯ ބޯލްޑާގެ އެސިސްޓަންޓް ރިސާޗު ޕްރޮފެސަރެއް ކަމަށްވާ ކްރިސް ޑެޕްނާ ވިދާޅުވީ، ދިރާސާ ނިންމާލިއިރު ހަފުތާ ބަންދުގައި ނިދަން ލިބުނު ގްރޫޕުގެ ސިއްހަތުވެސް އަނެއް ގުރޫޕާއި އަޅާ ބަލާއިރު ވަކި ރަނގަޅުކަމަކަށް ނުދެންނެވޭނެ ކަމަށެވެ.
ދިރާސާގެ ހޯދުންތަކަށް ބަލާއިރު ނިދި މަދުވުމަކީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އެގޮތުން އާދަޔާ ހިލާފަށް ފަލަވުން ނުވަތަ އޮބީސިޓީއާއި ޓައިޕް-2 ޑައިބީޓީޒް ނުވަތަ ހަކުރު ބަލީގެ އިތުރުން ދަންވަރުގެ ވަގުތުތަކުގައި ކޫސަނި އެއްޗިހި ކާހިއްވުމާއި ހަށިގަނޑުގައި ދައުރުވާ ލޭގައި އިންސިއުލިން ރެގިއުލޭޓް ކޮށްދޭ ގޮތަށް އަންނަ ނޭދެވޭ ބަދަލުތައް ފާހަގަކުރެވެއެވެ.
މީގެ އިތުރުން ހަފުތާ ބަންދުގައި އާދަޔާ ހިލާފު ގިނައިން ނިދާ މީހުންނަށް އޮތް ސިއްހީ ނުރައްކާ ވަކިން ބޮޑުކަމަށްވެސް ދިރާސާއިން ވަނީ ސާބިތުވެފައެވެ.
ކަންމިހެންއޮތްއިރު، ގަޑިން ގަޑިއަށް ނިދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ކޮންމެހެން ކުރަންވެއްޖެ ކަމެކެވެ. ސީދާ ސުން ސިކުންތަށް ނިދުމާއި، ހޭލުން ބައްޓަން ނުކުރި ކަމުގައި ވީނަމަވެސް ވަކި ތާވަލެއް ހަދައިގެން ވަކި ބޭންޑެއްގެ ތެރޭގައި އުޅުން ބުއްދިވެރިއެވެ. ނިދަން ލިބޭ ގަޑިއަކީ ނުބެލި ހުރި ސީރީޒް ބަލަންވީ ގަޑިއެއް ނޫނެވެ. ނޫނީ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް އަރަންވީ ވަގުތެއްވެސް ނޫނެވެ. އެއީ ހަމަ ނިދަންވީ ވަގުތެވެ.