ވިހޭއިރު ދަރިފުޅު މަރުވެފައި އޮތް ނަމަވެސް ދެވަނަ ދަރިއަކު ނުހޯދާ ގިނަ ދުވަހު މަޑުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް، ދަ ލޭންސެޓްގައި އާންމުކޮށްފައިވާ ދިރާސާއެއް ބުނެފިއެވެ.

ވިހޭ އިރު ދަރިފުޅު މަރުވެފައި އޮތްނަމަ، އަލުން ބަލިވެއިނުމުގެ ކުރިން އަހަރެއްހާ ދުވަސް މަޑުކުރުމަށް މިހާތަނަށް ލަފާދެމުން އައި ކަމުގައި ވީނަމަވެސް، މިކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ސާބިތުވެފައިނުވާކަމަށް މި ދިރާސާ ބުނެއެވެ.

ބައިނަލްއަގުވާމީ ފެންވަރެއްގައި ކުރިއަށް ގެންދިޔަ މި ދިރާސާގެ ނަތީޖާއަށް ބަލާއިރު، އަހަރު ދުވަހަށްވުރެ ކުރިން ބަލިވެއިނދެ، ވިހެއުމުގައި އެއްވެސް ނުރައްކަލެއް ނެތެވެ.

ސްޓިލްބާތު ނުވަތަ ވިހޭއިރު ދަރިފުޅު މަރުވެފައި އޮންނަ ކަމަށް މި ދިރާސާގައި މަނާކުރަނީ މައިމީހާގެ ބަނޑުގައި ދަރިފުޅު ޣަރުބަ ގަންނަތާ 22 ހަފުތާ ފަހުން މަރުވާ ކުދިން ހިމަނައިގެންނެވެ.

މި ދިރާސާ ބުނާ ގޮތުން ސްޓިލްބާތަކަށް އަލުން ބަލިވެއިނުމާއި ބެހޭ ގޮތުން މައިންނަށް ހުރިހާ ގައުމަކުންވެސް ފޯރުކޮށްދެނީ މަދު މައުލޫމާތެކެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޔުނިވާސިޓީ އޮފް މެންޗެސްޓާ ޕްރޮފެސާ އެލެކްސް ހޭޒަލް ވިދާޅުވީ، ދަރިފުޅު މަރުވި ސަބަބު އެނގުމަށްފަހު، އަލުން ދަރިއަކު ހޯދުމުގެ އިހުތިޔާރު ގުޅިފައިވަނީ އެ ދެމަފިރިއަކު ނަފުސާނީ ގޮތުން އެކަށް ތައްޔާރުވުމާއިއެވެ.

އަލުން ދަރިއަކު ނުހޯދާ އަހަރެއްހާ ދުވަސް މަޑުކުރަންޖެހޭ ޖިސްމާނީ އެއްވެސް ސަބަބެއް ނެތްކަމަށްވެސް ޕްރޮފެސާ އެލެކްސް ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީގެ ޑޮކްޓާ އެނެޓް ރޭގަން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދެވި މި ދިރާސާއަކީ ސްޓިލްބާތްސްއަށްފަހު އަލުން ބަލިވެއިނުމާއި ގުޅިގެން ދެމަފިރިންނަށް ކައުންސިލިންގް ދޭ ފަރާތްތަކުން ކިއާލުން މުހިންމު ދިރާސާއެކެވެ.

ބަނޑަށް 24 ހަފުތާވުމުގެ ކުރިން، ބަނޑުގައި އޮތް ދަރިފުޅު މަރުވުމުން ބުނެއުޅެނީ ދަރިފުޅު މިސްކެރީވެ އެބޯޓުވުން ނުވަތަ ބައިގެން ދިއުމޭއެވެ.