އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކި ކުރުމަށް ގޮވާލާ ހިންގާ ޕެޓިޝަނުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވައިފިއެވެ. ޕެޓިޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވެފައިވަނީ މި ޕެޓިޝަނުގައި ގިނަ ބަޔަކު ސޮއިކުރަމުން ދާކަމަށެވެ.

އިންޔެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައިވެސް ގިނަ ބަޔަކު ވަނީ ސޮއިކޮށްފައެވެ. ޝުނާނާ ވިދާޅުވެފައިވަނީ އިއްޔެ ހިންގި ހަރަކާތުގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ސްޓޭޓް މިނިސްޓަރުންވެސް ސޮއި ކުރެއްވި ކަމަށެވެ. ނަމަވެސް މިހާތަނަށް ސޮއި ކުރި މީހުންގެ އަދަދު ޝުނާނާ ހާމަ ކުރައްވާފައެއް ނުވެއެވެ.

އަންނަ ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރާ އެޕެޓިޝަނަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމުގައި އޭސީސީގެ މެންބަރުން ފެއިލްވެފައި ވާކަމަށް ބުނެ އެމެންބަރުން މަގާމުން ވަކިކޮށް ދިނުމަށް އެދި ހިންގާ ޕެޓިޝަނެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީ ފެއިލްވެފައިވާ ކަމަށް ބުނެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާއެއްވެސް ބާއްވާފައިވެއެވެ. ހުސްވި މަހު ފަނަރައިގައި ބޭއްވި އެ މުޒާހަރާގައިވެސް އިސްކޮށް ހުންނެވީ ޝުނާނާއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މިފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގާފައި އޮތް ފައިސާގެ އެންމެ ބޮޑު ހިޔަނާތެވެ. ލިޔެކިޔުންތަކުން ދައްކާގޮތުން 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ވަނީ ހިންގާފައެވެ.