ވެރިކަމަށް އަންނަން މަސައްކަތް ކުރިއިރު އޮތް އިއްތިހާދު ނުފެންނަ ކަމަށާއި، އެ އިއްތިހާދެއް މިއަދަކު ނެތްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މަރުތަކާއި ކޮރަޕްޝަންގެ މަައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލް ފާސްކުރުމަށް އިއްތިހާދުގެ މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބި ތިން ފަހަރެއްގެ މަތިން ބިލަށް ވޯޓަށް ނޭހުމުންނެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިދޭން ޖެހޭ ސަބަބު ދިވެހިނަށް މިހާރު ވަރަށް ސާފު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނަމުން އިއްތިހާދުން ބުނީ ވަގު ހިފާނަމޭ، ކޮރަޕްޝަން ނައްތާލާނެ ކަމަށެވެ. އަދި އިންތިހާބަށް ނުކުމެ ތިބެ ގަދައަޅާ ދައްކަމުން ދިޔަ އެއް ވާހަކައަކީ ދިވެހިރާއްޖޭގެ މުއްސަނދިކަން ބީވެގެންދިޔަ މިންވަރާއި ކޮރަޕްޝަންގެ ފަސާދަ ފެތުރިފައިވާ މިންވަރުގެ ވާހަކަތައް ކަމަށެވެ.

"އިންތިހާބަށްފަހު ބިލު މަޖިލީހަށް އައީމަ، ހަމަ އެ އިއްތިހާދުގައި އަޅުގަނޑުމެންނާ ބައިވެރިވި ބޭފުޅުން ބިލަކަށް ވޯޓެއް ނުދެއްވި. ދެން އަޅުގަނޑުމެން އެނބުރި ބަލާލައި އިރުގައި ނަގޫ ގޮށްޖެހިފައި، އެ އިއްތިހާދެއް އަޅުގަނޑުމެންނަކަށް ނުފެނުނު" ނަޝީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ދިގު ދައްމައިގެން ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އެހި ނަމަވެސް، މަޖިލީހުގައި މެންބަރުން ހަމަ ނުވުމުގެ ސަބަބުން ބިލަށް ވޯޓަށް ނޭހުނެވެ. އެފަހުން މި އަހަރަސް މަޖިލިސް ހުޅުވާ ބޭއްވުނު ޖަލްސާތަކަށް ވެސް ރިޔާސީ ކޮމިޝަންގެ ބިލަށް ވޯޓަށް އެހުމަށް އެޖެންޑާ ކުރެވުނެވެ. ނަމަވެސް ކޯލިޝަންގެ މަޖިލިސް މެންބަރުންގެ އެއްބާރުލުން ނުލިބިގެން ބިލަށް ވޯޓެއް ނޭހުނެވެ.

އަދި އެންމެ ފަހުން ބޭއްވި ޖަލްސާގައި ބިލަށް ވޯޓަށް އަހަން އެޖެންޑާ ކުރެވި މެންބަރުން ހަމަވި ނަމަވެސް، ބިލުގައި ކޮމިޓީން ފާސް ނުކުރާ ކަންކަން ހުރިކަމަށް ބުނެ ބިލު ދިރާސާކުރި ކޮމިޓީގެ ބައެއް މެންބަރުން މައްސަލަ ޖެއްސުމުން، އެ ބިލު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާފައެވެ.

ބ.ގޮއިދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށާއި، ޝަރުއީ ނިޒާމް އިސްލާހުވާން ޖެހޭ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ރައްޔިތުން މިއަދުވެސް އަބަދުވެސް ގޮވަމުންދާ އެމީހުންގެ ބޮޑު އެދުމެއް ކަމަށާއި، ޝަރީއަތުގެ ކަންކަން މިއަދު މި ހިނގާ އުސޫލުން ހިނގައިގެން ދިވެހިންގެ އަމިއްލަ ހާލަތު ދިވެހިންނަށް ރަނގަޅު ކުރެވެން ނެތްކަން އެއީ މިއަދު ސާފުވެފައި އޮތް ހަގީގަތެއް ކަމަށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއާއި ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީއާއި ދެމެދު ވަނީ މަޖިލިސް އިންތިހާބާއި ގުޅިގެން ނުތަނަވަސްކަން އުފެދިއައެވެ. އަދި ދެ ޕާޓީގެ ލީޑަރުންގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވެމުން ދާއިރު، އެމްޑީޕީން ކޯލިޝަން އެއްބަސްވުމާ ހިލާފުވެފައި ވާކަމަށް ބުނެ ޖޭޕީން އަންނަނީ އެމްޑީޕީއަށް ފާޑުކިޔަމުންނެވެ.