އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ތުހުމަތުގައި ހެއްކަށް ނުފޫޒު ފޯރުވާފާނެތީ ޖަލު ބަންދުގައި ބަހައްޓާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވައްކަން ކުރައްވާފައި ވަނީ ހަމައެކަނި އެމްއެމްޕީއާރުސީގެ ފައިސާއިން އެކަނި ނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބ. ގޮައިދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޔާމީން ވައްކަން ކުރެއްވި އެމްއެމްޕީއާރުސީގެ ފައިސާއަކީ ކުޑަކުޑަ މިންވަރެއް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިނގާފައިވާ ވައްކަމާއި ސީދާ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ބައިތުލްމާލުން ނަންގަވާފައިވާ ފައިސާއާ ބޭރުގެ ބޮޑެތި ޖަމާއަތްތަކާއި ނާޖާއިޒު ގޮތުގައި އެކިއެކި ގޮތްގޮތަށް [ވައްކަން ކުރެއްވި] ފައިސާ ހިމެނޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ މާލީ އިދާރާތަކަށް އެފައިސާ ގެނެސް ދައުރުކުރުވާ ދޮވެ ހަދާ އޭގެން ކޮށްފައިވާ ވައްކަން މާބޮޑު، އެތައް ސަތޭކަ މިލިއަން ޑޮލަރަކަށް އެބަ އަރާ. އެޓާނީ ޖެނެރަލް އެގެންދަވަނީ އެ މައްސަލަތައް ތަހުގީގު ކުރައްވަމުން" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީިހުގައި އެ މައްސަލަތައް [ވައްކަމުގެ] ތަހުގީގުކޮށް އެއިން ނަތީޖާ ނެރޭނެ މެންބަރުން ނެތްނަމަ މީގެ އަޑިއެއް އަދި ފުންމިނެއް ނުހޯއްދެވޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތެރެއިން، އެ ފައިސާ އެކި ފަރާތްތަކަށް ފޮނުވާ ޖަމާކުރަމުން ދިޔަ އެސްއޯއެފުން، މޯލްޑިވްސް އިސްލާމިކް ބޭންކުގައި ޔާނީން ހުޅުއްވާފައިވާ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާވިކަމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުން ދައްކައެވެ.

މި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑާކުރި ކަމުގެ ދައުވާ އުފުލާ އެ މައްސަލަ މިހާރު އޮތީ ކޯޓުގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި ބުނާގޮތުން އިސްލާމިކް ބޭންކުގައި ޔާމީން ޑޮލަރު އެކައުންޓެއް ހުޅުއްވީ ހިޔާނާތުގެ ފައިސާ ޖަމާ ކުރުމުގެ ހަ ދުވަސް ކުރިންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރި އިރު، މި މައްސަލައިގައި ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތު ވެސް ޔާމިންގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި ޔާމީނާއެކު އެމަނިކުފާނުގެ ވަކީލާ އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރަށް ވެސް މި ދައުވާ ވަނީ އުފުލާފައެވެ.