އިސްލާމް ދީނާއި ފުށޫއަރާ އަމަލުތަކާއި ދެކޮޅަށް ބަންގްލަދޭޝްގައި ފަށާފައިވާ "ހަނގުރާމައިގެ" ތެރެއިން، ބަރަހަނާ މަންޒަރުތައް ދައްކާ އެފަދަ އަޑުތައް އިއްވާ 20000އަށްވުރެ ގިނަ "ޕޯންވެބްސައިޓް"ތައް ބަންދުކޮށްފައިވާކަމަށް އެ ގައުމުގެ ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސް މިނިސްޓާ މުސްތޮފާ ޖައްބާރު ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން މުސްތޮފާ ވިދާޅުވީ އަމާޒަކީ ހުރިހާ ބަންގާޅުންނަށާއި ކުޑަކުދިންނަށްވެސް ރައްކާތެރި ގޮތެއްގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، "ޕޯންސައިޓް"ތަކާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައަކީ ދިގުދެމިގެންދާނެ ހަނގުރާމައެއް ކަމަށެވެ.

މީގެ އިތުރުން ދީނާއި އެކަށީގެން ނުވާ މަންޒަރުތަކާއި އަޑު ހިމަނައިގެން ހިންގާ ސޯޝަލް މީޑިއާ އެޕްތަކެއްވެސް ބަންގްލަދޭޝްގައިވަނީ މަނާކޮށް، އެ އެޕްތައް ބޭނުން ނުކުރެވޭ ގޮތް ހަދާފައެވެ. މި ލިސްޓުގައި، ދިވެހިރާއްޖޭގައިވެސް ގިނަ ބަޔަކު އެ "މަސްތެއްގައި" ޖެހިފައިވާ ޓިކްޓޮކް އެޕްލިކޭޝަން ހިމެނެއެވެ.

ބަރަނަހަނާ މަންޒަރުތަކާއި އަޑުތަކާއި ދެކޮޅަށް ބަންގްލަދޭޝްގައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވަނީ އެގައުމުގެ ހައިކޯޓުން ކުރި އަމުރެއްގެ ދަށުންނެވެ.