ގދ.ގައްދޫ ގައި ބީއެމްއެލްގެ ބްރާންޗެއްް ހުޅުވައި ސެލްފް ސާވިސް ހިދުމަތްތައް ދޭން ފަށައިފިއެވެ.

މި ބްރާންޗް ހުޅުވުނީ 24 ގަޑިއިރު ހިދުމަތްދޭ އޭޓީއެމަކާ ވެސް އެކުގައެވެ. އަދި އޮފިޝަލް ގަޑިތަކުގައި އެކަންޓް ހުޅުވުމާއި ލޯނު ދޫކުރުމާއި ކާޑުގެ ހިދުމަތްތައް ފަދަ ބޭންކިން ހިދުމަތްތައް ފޯރުކޮއްދޭނެއެވެ.

ގދ.ގައްދޫ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ގައްދު އަށް އަންނަމުންދާ ތަރައްގީ އަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ހިދުމަތަކަށް މި ބޭންކުގެ ހިދުމަތްތައް ވާނެކަން ޔަގީން ކަމަށެވެ.

ބީއެމްއެލްގެ ފަހުގެ ހިދުމަތްތަކަށް ބަލާއިރު މިދިޔަ ހަފްތާގައި އައްޑޫ ސިޓީ ހިތަދޫގައި ބީއެމްއެލްގެ ފުރަތަަމަ ބިޒްނަސް ސެންޓަރެއް ވަނީ ހުޅުއާފައެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން އައްޑޫގައި ހުޅުވި ސެންޓަރަކީ މިފަދަ ހިދުމަތްދޭ ފުރަތަމަ ސެންޓަރު ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އައްޑޫ ބިޒްނަސް ސެންޓާ ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރު ކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފައެވެ.