ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެކި ސަބަބުތަކާއި ހުރެ 2 އަހަރު ދުވަސް ވަންދެން މަސައްކަތް ހުއްޓިފައިވާ ރަށްތައް ފާހަގަކޮށް އެ ރަށްތަކުގެ ކައުންސިލްތަކާއި އެބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި އެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުުނު ނޫސްބަޔާނެއްގައި ވަނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެެރެއިން 2 އަހަރު ދުވަސް ވަންދެން މަސައްކަތް ހުއްޓިފައިވާ 5 ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ރަށްތަކަކީ، ކ. ކާށިދޫ، އދ. މަންދޫ، ރ. ވާދޫ، ހއ. އުތީމު އަދި ހއ. ވަށަފަރެވެ.

އެ މައްސަލަ ދިރާސާކޮށް ހައްލުކުރުމަށް އެ ރަށްތަކުގެ ކައުންސިލްތަކާއި ބިންތައް ދޫކުރެވިފައިވާ ފަރާތްތަކާއި އެކު 18 އަދި 19 ފެބްރުވަރީ 2019 ގައި ބައްދަލުކޮށް އެބިންތައް ތަރައްގީ ނުކުރެވި ލަސްވުމަށް ދިމާވެފައިވާ ސަބަބުތައް އޮޅުންފިލުވައި އެކަންތައްތައް މިހާރުވަނީ ހަައްލުކުރެވިފައި ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ އަމަޒަކީ މިފަދަ މަޝްރޫއުތައް ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސް، މިދަފަ މަޝްރޫއުތަކުން އެންމެހާ ރައްޔިތުންނަށް އެކަމުގެ މަންފާ ލިބުމެވެ.