މާބަނޑުވުން ނުވަތަ ބަލިވެއިނުމަކީ ދަރިއަކަށް އުއްމީދުކުރަމުންދާ ދެމަފިރިންގެ އިތުރުން އެ ދެ އާއިލާއަށާއި އެ ދެމީހުންގެ ރަހުމަތްތެރިންނަށްވެސް ލިއްބައިދޭ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. ގަބޫލުކުރަން ދަތިނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތެއް އެބައޮތެވެ. އާނއެކެވެ. ބަލިވެއިނުމަކީވެސް "ގައިންގަޔަށް" އަރާކެމެވެ. އަދުގެ ގިނަ ވަގުތަކީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހޭދަކުރާ ވަގުތުތަކަށްވެފައި، އެ ޓައިމްލައިންތަކާއި ފީޑުން ފެންނަ ގިނަ މަންޒަރުތަކަކީ ގާތްތިމާގެ މީހުންނާއި އެކުވެރިން ބަލިވެއިނދެ ދަރިއަކު އުފަންވެގެން ހިއްސާކުރާ ޕޯސްޓްތަކަކަށް ވެއްޖެނަމަ، ކައިރި މުސްތަގުބަލެއްގައި ޚުދު ތިބާވެސް ބަލިވެއިނުން ގާތެވެ. މިކަމަށް ބާރުދޭ ސައިންސްގެ ދިރާސާތައްވެސް އެބަހުއްޓެވެ.

އެމެރިކަން ސޯޝިއޯލޮޖިކަލް އެސޯޝަންއިން ކުރިއަށްގެންދިޔަ ދިރާސާ ބުނާ ގޮތުގައި، މިކަން މިހެން މެދުވެރިވަނީ އެކުގައި އުޅޭ މީހުން ބަލިވެއިނުމުގެ ސަބަބުން އޭގެ ނުފޫޒެއް ފެތުރިގެންނެވެ. މީހުންނާއި އިނދެ ދަރިން ހޯދުމަކީ "މުބާރާތެއް" ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތަސް ހަގީގަތް ތަފާތެވެ. މިކަން ގުޅިފައިވަނީ ނަފްސާނީ ހާލަތަކާއިއެވެ. ގާތްތިމާގެ މީހަކު ނޫނީ އެކުވެރިއަކު ބަލިވެއިންތަން ފެނުމުން އަންހެނެއްގެ ހަށިގަނޑުގައިވެސް މައިވަންތަ ޒިންމާތަކުގެ އިހުސާސްތަކެއް ދައުރުވާން ފަށައެވެ. މިކަން ގުޅިފައިވަނީ އެމީހާގެ ނަފްސާނީ ފިކުރުތަކާއިއެވެ.

އަމިއްލަ ނަފުސަކަށް ކުރާ އިތުބާރަކަށްވުރެ ބޮޑަށް، އެކުގައި އުޅޭ ރަހުމަތްތެރިން ދަރިމައިވެ، ދަރިން ބަލާ ބޮޑުކުރާތަން ފެނުމުން ބަލިވެއިނުމަށް އަންހެން މީހާގެ ނަފްސު ބޭއިހުތިޔާރުގައި ނަމަވެސް ތައްޔާރުވެއެވެ.

1700 އެއްހާ އަންހެނުންގެ ގާތުން މައުލޫމާތު އެއްކޮށްގެން 10 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގާއި ކުރިއަށް ގެންދިޔަ ދިރާސާގެ ނަތީޖާ ދައްކާ ގޮތުން މީގެ ތެރެއިން ދެބައިކުޅަ އެއްބައި އަންހެނުންނަށް މިމުއްދަތުގެ ތެރޭގައި ދަރިން ލިބުނުއިރު، އެކުގައި އުޅޭ މީހުންގެ ތެރެއިން އެއް ވަގުތެއްގައި ބަލިވެއިން މީހުންގެ އަދަދު ގިނައެވެ.

ދިރާސާގެ ހޯދުންތައް ދައްކާ ގޮތުން، އެކުގައި އުޅޭ މީހުން އެކުގައި ބަލިވެއިނުމަށް މެދުވެރިވާ އަނެއް ސަބަބަކީ، އެ ގުރޫޕުން އޭނާ އެކަހެރިވެދާނެ ކަމަށްޓަކައި ދަރިއަކު ހޯދަން މަސައްކަތްކުރެވޭ ގޮތްވުމެވެ.

ބަލިވެން ތިބޭ މީހުން މާގާތުން ފެންނަން ފަށާނަމަ ދަރިމައިވުމާއި ގުޅިފައިވާ ހޯމޯންތަކަށް ބަދަލުއައިސް އެކަމަށް މަގުފަހިވާ ގޮތްވެއެވެ. އަމިއްލަފުޅު ދިރިއުޅުއްވުމުގައިވެސް މިފަދަ ކަމެއް ދިމާނުވޭތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލަވަބަލާށެވެ. ނުވަތަ ތިބާގެ މައިންބަފައިންނާއި ސުވާލުކޮށްލަވަބަލާށެވެ.