މޫސުމީ ނޭދެވޭ ބަދަލުތަކުގެ ތެރެއިން ދުނިޔެ ހޫނުވުމުގެ މައްސަލައަށް ރިޔާއަތްކޮށް "ގްލޯބަލް ވޯމިންގް"ގެ ނަން ދިން ސައިންސްވެރިޔާ ވޮލަސް ސްމިތް ބްރޮއެކާ މަރުވެއްޖެއެވެ.

"ގްލޯބަލް ވޯމިންގް"ގެ ކާފަގެ ގޮތުގައި މަޝްހޫރުވެފައިވާ ޕްރެފެސާ ބްރޮއެކާ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު އެމެރިކާގެ ނިއު ޔޯކް ސިޓީގެ ހޮސްޕިޓަލެއްގައި، އުމުރުން 87 އަހަރުގައެވެ.

ވިހަ ގޭސްތައް ޖައްވުގެ ތެރެއަށް ބޭރުވެ، ދުނިޔެ ހޫނުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމުގެ ވާހަކަތައް "ގްލޯބަލް ވޯމިންގް"ގެ ނަމުގައި އެންމެ ފުރަތަމަ އާންމުކޮށް ބޭނުންކުރަންފެށީ 1975 ވަނަ އަހަރު ޕްރޮފެސާ ބްރޮއެކާ ލިޔުނު އާޓިކަލެއްގައެވެ.

ޕްރެފެސާ ބްރޮއެކާއަކީ މިއަދު ދުނިޔެ ތަހައްމަލު ކުރަމުން މިދާ އާދަޔާ ހިލާފު ހޫނުކަން މީގެ އަހަރުތަކެއް ކުރިން ލަފާކުރި ސައިންސްވެރިޔާއެވެ. ޕްރޮފެސާ ބްރޮއެކާ ވަނީ އެމެރިކާގެ ނޭޝަނަލް ސައިންސް އެވޯޑް 1996 ވަނަ އަހަރު ހާސިލުކޮށްފައެވެ.