ދިރިއުޅުމަށް އައި "ބިޒީ" ބަދަލާއިއެކު އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދަނީ އިންސާނާގެ ހަށިގަނޑުކަމާއި މެދު ވިސްނާލަނީ މަދުބައެކެވެ. ވަގުތު ނެތިގެން ތައްޔާރީ ކާނާތަކާއި ދިމާލަށް ފަސޭހައިން ދެވޭގޮތްވެއެވެ. އެންމެ އަގުބޮޑު މޭކަޕްތަކާއި ފޭޝަންލަތަކާއި ފޭރާންތަކުން ބޭރު ފުށް ޒީނަތްތެރިކުރާއިރު، އެތެރެ ހަށީ އޮތީ ކޮން ހާލެއްގައިކަން ވިސްލާނަނީ މަދު މީހެކެވެ. މިހެން އުޅެންޖެހުމުން ކުރިމަތިލާންޖެހޭ އެންމެ ބޮޑު އެއް ތަކުލީފަކީ ކޭ އެއްޗެހި ރަނގަޅަށް ހަޖަމު ނުވުމުގެ ތަކުލީފުތަކެވެ. ނަމަވެސް، މިކަމަކީ މާ ބޮޑު ބޭސްފަރުވާއަކާއި ނުލާވެސް ފަރުވާ ކުރެވިދާނެ ކަމެކެވެ.
ފުރަތަމަ ކަމަކީ ކާއެއްޗިހީގައި ފައިބާ އެކުލެވޭ މިންވަރު އިތުރުކުރުމެވެ. ރަނގަޅަށް ހަޖަމުވެ ފަސޭހަކަމާއިއެކު ބޮޑުކަމު ދިއުމަށްޓަކައި، ކެއުމުގައި އެ ބޭނުންކުރާ އެއްޗެއްގެ %28 އަކީ ފައިބާ ކަމުގައިވާންޖެހެއެވެ. ފައިބާއަކީ ތާޒާ މޭވާއާއި ތަރުކާރިން ފަސޭހަކަމާއިއެކު ލިއްބައިދޭ މާއްދާއެކެވެ. ހަޖަމްކުރަން ފަސޭހަކޮށްދީ، ބޮޑުކަމުދާންވެސް އެހީވެދޭ ތާޒާ ކާބޯތަކެތީގެ ތެރޭގައި އާފަލު، ޕްލަމްސް، ބޯވެލިފަތް، އޯޓްސް، ނަޓްސް އަދި ދޮންކެޔޮ ފާހަގަކޮށްލެވެއެވެ.
ދެން އޮތީ އަވަދިނެތިގެން އުޅޭއިރު މާ އަވަހަށް ކާލެވޭ ގޮތް ވުމެވެ. ހަޖަމުކުރަން އުނދަގޫވެ، އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވުމުގެ އެއް އަސްލަކީވެސް، ރަނގަޅަށް ނުހަފާ، އާދަޔާ ހިލާފު އަވަހަށް ކެއުމެވެ. މިކަމުގައި އޮތީ ވީހާވެސް ރަނގަޅަކަށް ކާއެއްޗިހި ހެފުމަށްފަހު ދިރުވުމެވެ. މިކަމަކީ ހަށިގަނޑުގެ ފިނިހޫނުމިން އެއް ހަމައެއްގައި ހިފެހެއްޓުމަށްވެސް އެހީވެދޭ ކަމެކެވެ.
ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ނުލިބުމަކީވެސް ހަޖަމުކުރުމުގެ މައްސަލަތަކާއި އެނޫންވެސް އެފަދަ ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ. އިންސާނެއްގެ ހަށިގަނޑުގެ %75 ހިއްސާކުރަނީ ފެނެވެ. އެކަށީގެންވާ މިންވަރެއްގައި ހަށިގަނޑުގައި ފެން ހިފެހެއްޓުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ފެނުގެ އިތުރުން، ތާޒާ ބުއިންތައް ބޭނުންކުރުމަކީވެސް ފަރުވާއެކެވެ. ތާޒާ މޭވާއާއި ތަރުކާރީއިން ތައްޔާރުކުރާ ޖޫސްތަކުގެ އިތުރުން ޑިޓޮކްސް ފެނާއި ފަތްޕިލާވެލީގެ ސަޔަކީވެސް އަނގަޔަށް މީރު، ފައިދާހުރި ބުއިންތަކެކެވެ.
މީގެ އިތުރުން ފައިދާހުރި ބެކްޓީރިއަކީވެސް ހަށިގަނޑަށް ބޭނުންވާ އެއްޗެކެވެ. މިއަށް ކިއާއުޅެނީ ޕްރޯބައޯޓިކްސްއެވެ. މިއީ ގޮހުގެ ސިއްހަތު ދުޅަހެޔޮކޮށްދޭ މާއްދާއެކެވެ. ކާޑްއަކީ މި ގޮތުން ބޭނުންކުރެވިދާނެ އެއްޗެކެވެ.
މިހުރިހާ ކަމެއްގެ އިތުރުން ވަކި ގަޑިތަކެއްގައި ކެއުމަށް ސަމާލުވުމަކީވެސް މުހިންމު ކަމެކެވެ.