އުމުރުގެ ވަކި ހިސާބަކުން ލޮލުގެ ފެނުން ގެއްލޭ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ފުރަތަމަ ފަހަރަށް މީހަކު ޖީން ތެރަޕީ ސާޖަރީ ހަދައިފިއެވެ.

މި ސާޖަރީގައި ކަމާބެހޭ މާހިރުން ވަނީ އޮކްސްފޯޑްގެ ޖެނެޓް އޮޒްބޯންގް ލޮލަށް ސިންތެޓިކް ޖީންތަކެއް އިންޖެކްޓްކޮށްފައެވެ. މި ޖީންސްތަކަކީ ލޮލުގެ އިތުރު ސެލްތައް މަރުވިޔަ ނުދީ ހިފަހައްޓައިދޭ ޖީންތަކެއްކަމަށް ބުނެވެއެވެ.

މި ފަރުވާ ކުރަނީ ޖީންތަކެއްގެ ސަބަބުން، ވަކި އުމުރަކަށް ދިއުމުން ލޮލުގެ ފެނުން ގެއްލެމުން، ގެއްލެމުން ގޮސް އަނދިރިވާ ބަލި ނުވަތަ އޭ.އެމް.ޑީއިން ދިފާއުވުމަށެވެ. މި ބައްޔަކީ ހުޅަނގުގެ ގައުމުތަކުގައި އާންމު ބައްޔެކެވެ.

ޖެނެޓް މި ފަރުވާ ހޯދާފައިވަނީ އޮކްސްފޯޑް އައި ހޮސްޕިޓަލުންނެވެ. މި ސާޖަރީ ހަދާދީފައިވަނީ ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ލޮލުގެ ޕްރޮފެސަރެއް ކަމަށްވާ ރޮބާޓް މެކްލެރެންއެވެ.

ގައިރޮސްކޯޕް ތެރަޕިއުޓިކްސްއިން ފަރުމާކޮށްފައިވާ ސިންތެޓިކް ޖީންސްގެ އެހީގައި 10 މީހަކު ޖީންތެރަޕީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، މިއީ އަދި ތަހުލީލީ މަރުހަލާގައި އޮތް ފަރުވާއެކެވެ.