ދުނިޔެއިން މިވަގުތު ލިބެންހުރި އެންމެ ފެންވަރު ރަނގަޅު "ޓޮއިލެޓް ޕޭޕަރަކީ" ކޮބައިތޯ ގޫގްލް ކުރެން އެހުމުން، ޖަވާބުގައި ޕާކިސްތާނުގެ ގައުމީ ދިދަ ފެންނަ ގޮތަށް ގޫގްލް ހެކްކޮށްފިއެވެ.

މިކަމެއް ކޮށްފައި ވަނީ އިންޑިއާއާއި ޕާކިސްތާނު ހިއްސާކުރާ ސަރަހައްދީ އިމަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކުން ވަރުގަދަ ހަމަލާއެއް ދީ، އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންގެ 40 އަށް ވުރެ ގިނަ ފުލުހުން މަރާލާފައިވާ ދަނޑިވަޅެއްގައި، އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

މިކަން ކޮށްފައި ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތުގެ އަމަލާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

އެންމެ ފެންވަރު ރަނގަޅު ޓޮއިލެޓް ޕޭޕަރަކީ ކޮބައިތޯ ގޫގްލް ކުރެން އެހުމުން ޕާކިސްތާނުގެ ގައުމީ ދިދަ ފެންނަ ގޮތް ހެދުމަށްފަހު އެބަޔަކު ސޯޝަލް މީޑިއާގައި ހަބަރު ފަތުރަން ފަށާ، މި ޓްރެންޑް ވައިރަލްވުމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކަށް މި ގޮތަށް ނަތީޖާ ފެންނަން ފެށީކަމަށްވެއެވެ.

މިކަން ހިނގަން މެދުވެރިވީ ސަބަބެއް ގޫގްލް އިން ކަށަވަރުކޮށްދީފައި ނުވާއިރު މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ގޫގްލްގެ ސާޗްބާގައި "އިޑިއަޓް" ޖަހައިގެން ސާޗްކުރުމުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ފޮޓޯފުޅުތައް ނަތީޖާގެ ގޮތުގައި ދައްކާ މައްސަލައެއްވެސް އޮތީ ފެންމަތިވެފައެވެ. މީގެ އިތުރުން ބޭއަދަބީ ބަސްތަކެއް ބޭނުންކޮށްގެން ސާޗްކުރުމުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ފޮޓޯފުޅުތަކެއް ވެސް ނަތީޖާގެ ގޮތުގައި ދައްކައެވެ.