ކުކުޅުބިހަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސްގެ މާއްދާ އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑަށް ލިއްބައިދޭ އެއް ބާވަތަށްވާއިރު، ކުކުޅުބިހަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ގިނަ ނިއުޓްރިއަންޓްސްތަކެއް އޭގައި ރައްކާކުރެވިފައިވެސްވާ އެއްޗެކެވެ. ހަށިގަނޑު ލުއިކުރުމުގެ އިތުރުން ހަށިގަނޑުގެ މަސްތައް "ބިލްޑް" ކުރުމަށްވެސް ކުކުޅުބިސްވަރެއް ހަމަނެތެވެ. ނަމަވެސް ކުކުޅުބިހުގެ ގޮބޮޅިއާއި މެދު ގިނަ ބައެއްގެ ހިޔާލު ތަފާތުވެއެވެ.

ކުކުޅުބިހުގެ ގޮބޮޅިއަކީ، ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުކޮށްދޭ ކޮލެސްޓްރޯލްގެ މިންވަރު އިތުރުކޮށްދޭ ބައެއް ކަމަށް ވަކާލާތު ކުރެވެއެވެ. ހިނދި، ގޮޅިޖެހިބަނޑެއްގެ އަމާޒުގައި ކަސްރަތު ތަމްރީނުތައް ހަދަމުންދާ ގިނަ ބަޔަކު ބިހުގެ ގޮބޮޅިދެކެ ގަންނަނީ އާދަޔާ ހިލާފު ބިރެކެވެ. ހަށިގަނޑުން ބަރުދަން ލުއި ކުރުމުގެ ޑައެޓެއްގައި އުޅޭއިރު ހަމަ ހަގީގަތުގައިވެސް ކުކުޅުބިހުގެ ގޮބޮޅި ކައިގެން ނުވާނެހެއްޔެވެ؟

އޭގައި އެކުލެވޭ ކޮލެސްޓްރޯލްގެ ސަބަބުން ހަށިގަނޑަށް ނުރައްކާވާކަމަށް ބުނެ ކުކުޅުބިހުގެ ގޮބޮޅި އެއްލާލަނީ މަދުބައެއް ނޫނެވެ. އެންމެ ކުކުޅުބިހެއްގައި 186 މިލިގްރާމްގެ ކޮލެސްޓްރޯލް އެކުލެވޭއިރު މި ހުރިހާ ބައެއްވެސް އެކުލެވެނީ ބިހުގެ ގޮބޮޅީގައެވެ. ތިޔަހީފުޅުވީ ރަނގަޅަށެވެ. ބިހުގެ ގޮބޮޅިއަކީ އޭގައި މަތީ މިންވަރަކަށް ކޮލެސްޓްރޯލް އެކުލެވޭ ބައެކެވެ. ނަމަވެސް، ތިޔަ ހީފުޅުކުރައްވާހާ ހާލަތު ގޯހެއް ނޫނެވެ.

މަސްތައް "ބިލްޑް"ކޮށް، ހަށިގަނޑުގެ ހަކަތަ އިތުރު ކުރުމަށް އެހީވެދޭ ޓެސްޓޯސްޓެރޯން އުފެއްދުމަށްޓަކައި ހަށިގަނޑަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. ކުރިންވެސް ދެންނެވިފަދައިން ކުކުޅުބިހަކީ ނިއުޓްރިޝަންއިން ފުރިފައިވާ އެއްޗަކަށްވާއިރު ހުދުބައިގައި ހިމެނެނީ ޕްރޮޓީންސް އެކަންޏެވެ. ބާކީހުރި ހުރިހާ ނިއުޓްރިއަންޓްސްއެއް ލިބެނީ ގޮބޮޅިންނެވެ. ކުކުޅުބިހުގެ ގޮބޮޅިއަކީ ދަގަނޑުގެ އިތުރުން ވިޓަމިން ބީ2، ބީ12 އަދި ޑީއިން މުއްސަނދިވެފައިވާ ބައެކެވެ. މި މާއްދާތަކަކީ ކުކުޅުބިހުގެ ހުދުބައިން ލިއްބައިދޭނެ މާއްދާތަކެއް ނޫނެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކެނެޓިކެޓްގައި ކުރިއަށްގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން، ކުކުޅުބިހުގެ ގޮބޮޅީގައި އެކުލެވޭ "ފެޓްސް"ގެ މާއްދާއަކީ، ހަށިގަނޑުގައި ދައުރުވާ "ބޭޑް" ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ.

ތިބާއަށް ހާއްސަކުރެވިފައިވާ ނިއުޓްރިޝަނިސްޓް އެކަމަށް އިރުޝާދު ދިނުމުގެ ކުރިން، ނުވަތަ އެހެންވެސް ސަބަބަކާއިއެކު ސިއްހީ ޑޮކްޓަރަކު އިރުޝާދު ދިނުމުގެ ކުރިން، ކުކުޅުބިހުގެ ގޮބޮޅި އެއްލާނުލާ ބޭނުންކުރައްވާށެވެ. ހަށިގަނޑުގެ ބަރުދަން ލުއިކުރަން ބޭނުންވި ކަމުގައިވީނަމަވެސްއެވެ.

އަދުގެ ސިއްހީ މާހިރުން ވިދާޅުވަނީ، ކުކުޅުބިހުގެ ގޮބޮޅިއަކީ "ނުރައްކާ" ބައެއްގެގޮތުގައި ދެކެމުން އަންނަ ދުށުން ބަދަލުކުރުމަށެވެ. އަދި ހަމައެކަނި ހުދުބައި މާ ގިނައިން ބޭނުން ކުރުމުގެ ބަދަލުގައި ދުވާލެއްގެ ކެއުމުގައި 1 ނުވަތަ 2 ކުކުޅުބިސް އެއްކޮށް ބޭނުން ކުރުން ބުއްދިވެރިކަމަށްވެސް ސިއްހީ އޮފިޝަލުން ވިދާޅުވެއެވެ.