މަރުވެފައިވާ މަންމަގެ ހަށިގަނޑު ފޮރުވައިގެން 44 ދުވަސް ވަންދެން އުޅުނު އަންހެނަކު ވާޖީނިއާއިން ހައްޔަރުކޮށްފިއެވެ.

އުމުރުން 78 އަހަރުގައި މަރުވި މަންމަގެ ގަބުރު ފޮރުވާފައި އޮތީ އެ ދެމައިން ދިރިއުޅެމުންދިޔަ ގޭތެރޭގައި، 54 ރަޖާގަނޑުގެ އަޑީގައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 55 އަހަރުގެ އަންހެނެކެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި ދެމައިން ދިރިއުޅެމުންދިޔަ ގެއިން ފެނުނު ސިޓީއެއް ބުނާ ގޮތުގައި މުސްކުޅި މީހާ މަރުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. މި ސިޓީއަކީ ހައްޔަރުކުރި ދަރިފުޅު ލިޔުނު ސިޓީއެއް ކަމަށް ބަލެވެއެވެ. ރަޖާތަކެއްގެ އަޑީގައި މަންމަގެ ގަބުރު ފޮރުވާފައި ވަނީ ސީ.ޕީ.އާރް ދީގެންވެސް މަންމަ ފުރާނަ ސަލާމަތްކުރެވޭ ގޮތް ނުވެގެން ކަމަށްވެސް ސިޓީގައި ބުނެފައިވާ ކަމަށެވެ.

ރަޖާތަކުގެ އަޑީގައި މަންމަގެ ގަބުރު ފޮރުވުމަށްފަހު އެ ގޭގައި ދަރިފުޅު ދިރިއުޅެމުންދިޔައީ ދޮރުގައި ބޮޑު ތަޅު އަޅުވައިގެން ކަމަށާއި، އެގެއަށް އެއަށްފަހު އެއްވެސް މީހަކު ވައްދާފައިނުވާއިރު، އާއިލާގެ އެހެން މެންބަރަކަށް ވެސް އެ ގެއަށް ޒިޔާރަތް ކުރެވިފައިނުވާކަމަށް ފުލުހުން ބުނެއެވެ. އަދި ކުނިވަމުންދިޔަ ގަބުރުން އަރަމުންދިޔަ ވަސްގަނޑު ކެނޑުވުމަށްޓަކައި އެ ގޭގައި 66 އެއާފްރެޝްނާއެއް ބޭނުންކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ހައްޔަރު ކުރުމާއި ހަމައަށް ދަރިފުޅު ނިދީވެސް މަންމަގެ ގަބުރާއި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކޮށްފައިވާ އަންހެން މީހާއަށް އަދި ވަކީލަކުވެސް ހަމަޖެހިފައިނުވާއިރު، އޭނާގެ އާއިލާ މީހުންނާއި ގުޅޭނެ ކަމަށް ރަސްމީ ލިޔެކިއުންތަކުން ލިބެންއޮތް އެއްވެސް ފޯނު ނަންބަރަކުން ޖަވާބު ނުދޭކަމަށްވެސް ޚަބަރު ލިބެއެވެ.

މަރުވެފައިވާ މަންމަގެ ހަށިގަނޑު އެގޭތެރޭގައި އޮތްތަން ފެނުނީ، ހައްޔަރުކޮށްފައިވާ އަންހެން މީހާއަށް ބޮޑުދައިތަ ކިއާ ކުއްޖަކު ކުޑަދޮރުން އެގޭ ތެރެއަށް ފުންމާލި ހިސާބުން ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ހިންގި ތަހުގީގަށް ފަހު ދަރިފުޅު ހައްޔަރުކޮށްފައިވަނީ އާއިލާގެ މީހެއްގެ ގޭގައި ހުއްޓާ ކަމަށް ޚަބަރު ލިބެއެވެ.

މަންމަގެ ހަށިގަނޑުން އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަ ކުރެވިފައިނުވާއިރު، މަންމަ މަރުވުމުން ކަމާބެހޭ ފަރާތްތަކަށް ނޭނގީ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށްޓަކައި ކަމަށް ދަރިފުޅު ބުނެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގަބުރެއް ފޮރުވި ކަމުގެ ކުށުގައި ދަރިފުޅު ހައްޔަރުކުރި ނަމަވެސް ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކޯޓު އަޑުއެހުމާއި ޖެހެންދެން އޭނާވަނީ ވަގުތީ ގޮތުން ދޫކޮށްލާފައެވެ.