އިރާގުގެ ދިޔާލާ ޕްރޮވިންސްގެ އަލް ބަތޫލް ހޮސްޕިޓަލަށް ވިހަން ދިޔަ އުމުރުން 25 އަހަރުގެ އަންހެންމީހާއާއި އޭނާގެ ބަނޑުން އުފަންވި 7 ދަރިން އިރާގުގެ ތާރީހުން ޖާގަ ހޯދައިފިއެވެ.

މީޑިއާގައި ނަން ހާމަކޮށްފައި ނުވާ މި ޒުވާން އަންހެން މީހާ ވަނީ އެއްމާބަނޑު 6 އަންހެން ކުދިންނާއި 1 ފިރިހެން ކުއްޖަކު ވިހާފައެވެ. މި 7 ކުދިންވެސް ވިހާފައިވަނީ އެއްވެސް ކަހަލަ ސާޖަރީއަކާއި ނުލާ ކަމަށްވާއިރު، މިއީ އިރާގުގެ ތަރީހުގައިވެސް އެއްމާބަޑު 7 ބެއިން ވިހޭ ކަމަށް ރެކޯޑްކުރެވުނު ފުރަތަމަ ފަހަރެވެ.

އިރާގުގެ ސިއްހަތާއި ބެހޭ ރަސްމީ ތަރުޖަމާނު ފިރާޒް އަލް އިއްޒާވީ ވިދާޅުވީ، ވިހޭ އަންހެން މީހާގެ ހާލުވެސް ރަނގަޅުކަމަށެވެ. 7 ބެއިންގެ މެޑިކަލް ޗެކަޕްތައްވެސް ހަދާފައިވާކަމަށާއި، އެ 7 ކުދިންގެ ހާލުވެސް ރަނގަޅުކަމަށް އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

އިރާގަށް އުފަންވި މި 7 ބެއިންގެ ޝަރަފުގައި އެ ގައުމުގެ އެކި ހިސާބުތަކުގައި ދަނީ އުފާފާޅުކުރަމުންނެވެ.