ބަޓަރުގައި އެކުލެވޭ ފެޓްގެ މާއްދާތަކުގެ ސަބަބުން، ނުވަތަ ތިބާއަކީ ލެކްޓޯސް-އިންޓޮލަރަންޓް މީހެއް ނަމަ އެ ބަޓަރުގެ ބަދަލުގައި ކޮންމެވެސް އެހެން އެއްޗެއް ބޭނުންކުރަންޖެހެއެވެ. ބައެއް ދިރާސާތައް ބުނާ ގޮތުން ބަޓަރުގައި އެކުލެވޭ ސެޗުރޭޓަޑް ފެޓްސްގެ ސަބަބުން ހަށިގަނޑުގައި ކޮލަސްޓްރޯލް ހުންނަ މިންވަރު މަތިވެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ ފެޓްސްއަކީވެސް ހަށިގަނޑަށް ބޭނުންވާ މާއްދާއެއް ކަމެވެ. ކަންމިހެންއޮތްއިރު ފިހާރަތަކުން ލިބެން ހުންނަ ތައްޔާރީ ބަޓަރަކީ އޭގައި ގިނަ އަދަދަކަށް ލޮނުވެސް އެކުލެވޭ ބަޓަރުތަކެކެވެ. މި ބަޓަރުގެ ބަދަލުގައި، ހަށިގަނޑަށް ބޭނުންވާ ފެޓްސް ފޯރުކޮށްދިނުމަށް ކެއުމުގައި ހިމެނިދާނެ އެހެން ބާވަތްތަކެއްވެސް އެބަހުއްޓެވެ.

އެވޮކާޑޯ މޭޝް

މޭޝްޑް އެވޮކާޑޯ ނުވަތަ ޗަސްކޮށްފައި ހުންނަ އެވޮކާޑޯ ޕޭސްޓަކީ ބަޓަރުގެ ބަދަލުގައި ޓޯސްޓުގައި ބޭނުންކުރުމުން އަނގަޔަށް މީރު، ސިއްހަތަށް ފައިދާކުރަނިވި އެއްޗެކެވެ. އެވޮކާޑޯ ޕޭސްޓުގައި ފައިބާގެ އިތުރުން ވިޓަމިން ކޭއާއި ޕޮޓޭސިއަމް ހުރެއެވެ. ހަމަމިއާއެކު، އެވޮކާޑޯއަކީ "ނުބައި" ކޮލަސްޓްރޯލްގެ މިންވަރު ދައްކޮށް، ގުޑް ކޮލެސްޓްރޯލްގެ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ. ފަހުގެ ހޯދުންތައް ދައްކާ ގޮތުން އެވޮކާޑޯއަކީ ކެންސަރާއި ދުރުކޮށްދޭ މާއްދާތަކެއްވެސް އޭގައި އެކުލެވޭ މޭވާއެކެވެ.

ހަމަސް

ހަމަސް އަކީ ފެނުކެއްކި ސަނާމުގާއި، ލޮނުމެދު، ޓަހީނީ އަދި ކުޑަކުޑަ ލުނބޯހުތްކޮޅެއް ބޭނުންކޮށްގެން ތައްޔާރުކުރާ، މީރު ޕޭސްޓެކެވެ. މިއީ މެޔޮނައިސްއާއި ސަވާ ކްރީމް ފަދަ ސޭންޑްވިޗް ސްޕްރެޑްތަކުގެ ބަދަލުގައިވެސް ބޭނުންކުރެވޭނެ އެއްޗެކެވެ. ފިހުނު އަލުވި ޗިޕްސްއާއި ބޯކިބާ ކަހަލަ ކާއެއްޗިހީގައި ޖަހާލައިގެން ކާންވެސް މިވަރެއް ނެތެވެ. ހަމަސްގައި އެކި ރަހަތައް ޖެއްސުމަށްޓަކައި ބެލް ޕެޕާ ނުވަތަ ބޮޑު މިރުހުގެ އިތުރުން ބޯވެލި ފަތާއި ބީޓްރޫޓްވެސް ބޭނުން ކުރެވިދާނެއެވެ.

ނަޓް ބަޓާ

މަފިންއާއި ޑޯނަޓް ފަދަ ފިހުނު އެއްޗިއްސާއިއެކު ބަޓަރު ބޭނުންކުރާ ލޯބިކުރާ ފަރާތްތަކަށް ނަޓް ބަޓާއަކީ އެންމެ ފައިދާ ހުރި އެކައްޗެވެ. އާލްމަންޑް، ކެޝޫ އަދި ޕީނަޓުންވެސް ނަޓް ބަޓާ ތައްޔާރުކުރެވިދާނެއެވެ. ޓޯސްޓްގެ އިތުރުން އާފަލާއި ދޮންކޭލުގައި ޖަހައިގެން ސްނެކެއްގެ ގޮތުގައިވެސް ނަޓް ބަޓާ ބޭނުން ކުރެވިދާނެއެވެ.

ޑެއިރީ އެކުނުލެވޭ ޔޯގަޓް

ބަޓަރުގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި އެއްޗެއް ހޯދާ ފަރާތްތަކަށް، ޑެއިރީ ފްރީ ޔޯގަޓަކީ ރަނގަޅު އުފެއްދުމެކެވެ. ޑެއިރީ ފްރީ ޔޯގަޓަކީ ކާށި ނުވަތަ އާލްމަންޑުން ތައްޔާރުކުރާ ޔޯގަޓެކެވެ. މިކަހަލަ ޔޯގަޓަކީ ކަށިވެސް ވަރުގަދަ ކޮށްދޭ އެއްޗެއްކަން ފާހަގަކުރަންޖެހެއެވެ.

މީގެ އިތުރުންވެސް ބަޓަރުގެ ބަދަލުގައި ބޭނުންކުރެވިދާނެ ކިތަންމެ "ސްޕްރެޑެއް" އަމިއްލައަށް ގޭގައި ތައްޔާރުކޮށްލެވިދާނެއެވެ.