ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވާކުގެ ޝަރަފު ހޯދާފައިވާ ފޭސްބުކް (އެފްބީ) މެދުވެރިކޮށް ފޮޓޯ ހޯދަން އުޅޭއިރު މުޅިންވެސް ހޯދެނީ އަންހެން ރައްޓެހިން އަޕްލޯޑްކޮށްފައިވާ ފޮޓޯ ކަމަށާއި، ފިރިހެން ރައްޓެހިންގެ ފޮޓޯ އެފަދަ ގޮތަކަށް ނުހޯދޭ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ފާހަގަކުރެވިގެން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ ސަލާމަތީ ކަންކަން ވިލަރެސްކުރުމުގެ ރޮނގުން ހަރަކާތްތެރިވާ ވައިޓް ހެކަރެއް ކަމަށްވާ އިންޓީ ޑި ކޯކްލެއާ ނަމަކަށް ކިއާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ބުނާ ގޮތުގައި، ފޭސްބުކްގެ ސާޗް ބާގައި، އަންހެން ރައްޓެހިންގެ ފޮޓޯ ހޯދަންޖެހުމުން އޭނާގެ އެކައުންޓަށް އެޑްކޮށްފައިވާ އަންހެން ރައްޓެހިން އަޕްލޯޑްކޮށްފައިވާ ފޮޓޯތައް ފޭސްބުކްއިން ޑިސްޕްލޭކޮށްދެއެވެ. ނަމަވެސް ފިރިހެން ރައްޓެހިން އަޕްލޯޑްކޮށްފައިވާ ފޮޓޯތައް ހޯދުމަށް ސާޗް ބާގައި ޖެހުމުން މުޅިންވެސް އަންނަނީ ކަމާއި ނުގުޅޭ، "ރެންޑަމް" ޕޯސްޓަރާއި މީމްސް ފަދަ ފޮޓޯތައް ކަމަށް ވެއެވެ. ފިރިހެން ރައްޓެހިންގެ ފޮޓޯ ހޯދަން ސާޗްބާގައި "ފޮޓޯޒް އޮފް މައި މޭލް ފްރެންޑްސް" ޖެހުމުން އެ ފެންނަ ފޮޓޯތަކަކީ އެއްވެސް ގޮތަކުން ތިބާ ދަންނަ މީހަކާއި ގުޅުން ހުރި ފޮޓޯތަކަކަށްވެސް އޮންނަނީ ނުވެފައެވެ.

މިކަމާއި ބެހޭ ގޮތުން ފޭސްބުކްއިން ވަކިއެއްޗެއް ބުނެފައިވާ ނުވާއިރު، އަދިވެސް މިކަން ހައްލުކޮށްފައެއް ނުވެއެވެ.