ޕްރީނޭޓަލް ޑިޕްރެޝަންއަކީ ބަލިވެއިނުމާ އެކު ނުވަތަ ބަލިވެ އިނުމާއި ދަރިފުޅު އުފަންވުމަށްފަހު ހޭދަވާ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ބައެއް އަންހެނުންނަށް ކުރިމަތިލާންޖެހޭ ސިއްހީ މައްސަލައެކެވެ. މިއީ ބަލިވެ އިންނަ ކޮންމެ ހަތް މީހަކުން އެކަކަށް ކުރިމަތިވާ ހާލަތަކަށްވާއިރު، މިކަމަކީ މާ ބޮޑު ސަމާލުކަމެއް ދެވޭ ކަމަކަށްވެސް އޮންނަނީ ގިނަ ފަހަރަށް ނުވެފައެވެ.

ޕްރީނޭޓަލް ޑިޕްރެޝަންގެ އަލާމާތްތަކުގެ ތެރޭގައި އާންމުކޮށް ކިއާ އުޅޭ ޑިޕްރެޝަން ހުންނަ މީހުންގެ ކިބައިން ފެންނަ އަލާމާތާއި ދާދި އެއްގޮތް އަލާމާތްތަކެއް ފާހަގަކުރެވިދާނެއެވެ. ބައެއް ފަހަރު މި އަލާމަތްތައް މާ ބޮޑަށް ފާޅުވެސް ނުވެދާނެއެވެ. އަދި ހަފުތާއެއް ނޫނީ ދެ ހަފުތާއެއް ދުވަހަށް މި އަލާމާތްތައް ފެންނަން ހުންނާނެއެވެ. މިފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި ގައިން ވަރުދޫވުމާއި، ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވުން، ކައިބޮއި ހެދުމާއި ނިދުމުގެ އާދަތަކަށް ބަދަލު އައުން، ތިބާއަކީ ބޭކާރު މީހެއްކަމަށް އިހުސާސް ކުރެވެން ފެށުމާއި، އަމިއްލަ މަރުވުމުގެ ފިކުރު ކުރެވޭ ފަދަ ގޮތްގޮތް ވުމަކީވެސް ޕްރީނޭޓަލް ޑިޕްރެޝަންގެ އަލާމާތެކެވެ.

މިއީ "ބޭބީ ބްލޫޒް"ގެ ގޮތުގައި ގިނަ ބަޔަކު ރިއާޔަތް ކުރަމުން އަންނަ ހިތް ނުތަނަވަސްކަމާއި އަޅާ ބަލާއިރު އެތައް ގުނައެއް ސީރިއަސް މައްސަލައެއްވެސް މެއެވެ. "ބޭބީ ބްލޫޒް" އޭ ކިޔައި އުޅެނީ ތުއްތު ދަރިފުޅު އުފަންވުމަށްފަހު، މައިމީހާއަށް އަވަސް އަވަހަށް ރޮވޭ ގޮތްވުމާއި، ކުދިކުދި ކަންކަމާއި އުނދަގޫވުމުގެ އިތުރުން ވަރު ބަލިވުމާއި ކަންކަމާއި ހާސްވެ ނުތަނަވަސްވާ ގޮތްވުމުންނެވެ. ނަމަވެސް މިފަދަ ކަންކަމަކީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ފިލައިގެންދާ ކަންކަމެވެ.

ޕްރީނޭޓަލް ޑިޕްރެޝަންއަށް ދިއުމުގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައި އާއިލާގެ ޑިޕްރެޝަން ހުންނަ މީހުން ހިމެނެއެވެ. މީގެ އިތުރުން މާބަނޑުއިރު ނުވަތަ ދަރިފުޅު އުފަންވި ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ކައިވެނި ރޫޅުމާއި، ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމުގައި މައްސަލަތައް ޖެހުމާއި، ގެވެށި އަނިޔާއާއި ފުރައްސާރައިގެ ޝިކާރައަކަށްވާ މީހުންގެ އިތުރުން ޅަ އުމުރުގައި، ވަކީން ހާއްސަކޮށް ފުރާވަރު އުމުރުގައި ބަލިވެ އިންނަ އަންހެނުންނަށް ޕްރީނޭޓަލް ޑިޕްރޭޝަންގެ ނުރައްކާ ބޮޑެވެ.

ޕްރީނޭޓަލް ޑިޕްރެޝަންއަކީ ހަދާލާ ލެބޯޓްރީ ޓެސްޓަކުން ދެނެގަނެވޭނެ ކަމަކަށް ނުވާއިރު، މިއިން ކިތަންމެ ކުޑަ އަލާމަތެއް ފެނުނު ކަމުގައި ވީނަމަވެސް، ކަމާއި ބެހޭ ސިއްހީ މާހިރެއްގެ ލަފަޔާއި އިރުޝާދު ހޯދުން ބުއްދިވެރިއެވެ. އެގޮތުން ކޮގްނިޓިވް ބިހޭވިއަރަލް ތެރެޕީއާއި އިންޓަޕާސަނަލް ތެރަޕީގެ އެހީގައި އެމީހަކަށް ކައުންސިލިންގް ތެރަޕީތައް ދޭން ފެށެއެވެ. މީގެ އިތުރުން ބަލިވެއިންނަ އަންހެން މީހާއަށާއި ދަރިއަކު އުފަންވުމަށްފަހު ހިންގާ ޖިސްމާނީ ހެލިފެލިވުމުގެ ކަސްރަތު ޕްރޮގްރާމްތަކާއި، ލިޔުންތެރިކަމުންނާއި ކެއިންބުއިމުގެ އާދަތަކުން ވެސް މިކަމަށް ފަރުވާ ކުރެވެއެވެ.